17 May 2010, 05:31
10:00
ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތާ ގުޅިގެން ހަމައެކަނި ސިވިލްސާރވިސް މުވައްޒަފުންގެ އަދަދު މަދުކުރުމަށާއި، މުސާރަ ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅު ތަކާ ބެހޭ ގޮތުން އައިއެމްއެފްއާ ސިވިލްސާރވަންޓު އެސޯސިއޭޝަނުން އެމްސީއެސްއޭން މަޝްވަރާކޮށްފި އެވެ. އެ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެގައި ބުނެފައިވަނީ އިއްޔެ މެންދުރުފަހު ހިއުމަންރައިޓްސް ކޮމިޝަންގެ މީޓިން ރޫމްގައި ބޭއްވި އެބައްދަލުވުމުގައި އައިއެމްއެފްގެ ހަތަރު ބޭފޫޅަކު ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި އަދި ސިވިލް ސާރވަންޓުންނަށް ދިމާވަމުންދާ މައްސަލަތައް ހާމަކުރި ކަމަށެވެ. އަދި އޭގެތެރޭގައި މުސާރަ ކުޑަވުމާއި، އެކަށީގެންވާ ރިކަވަރީ ޕްރޮގްރާމެއް ތައާރަފް ކުރުމަކާނުލައި މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ގެންދިއުމާއި މިދިޔަ އަހަރުގެ ފަހުކޮޅު މުސާރަ ބޮޑުކުރުމާއި ގުޅިގެން ރަސްމީ ގަޑި އިތުރުވެގެން ދިޔަނަމަވެސް، މުސާރަ ކުޑަވިއިރު މަސައްކަތު ގަޑި ކުރުވެފައި ނުވުމުން އެހެން މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދޭނެ ފުރުސަތު ހަމަޖެހިފައިނުވާ ކަމަށް ވެސް އެބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. އެބަޔާނުގައި އަދި ބުނެފައިވަނީ އައިއެމްފެގެ ވަފްދުން ހާމަކޮށްފައިވަނީ އެ ފަންޑްގެ މަސައްކަތަކީ ގައުމުގެ އިގްތިސާދީ ހާލަތު އޮތްގޮތުގެ މައްޗަށް ރަނގަޅު ކުރަންވީ ކަންތައްތަކުގެ މައްޗަށް ލަފާދިނުން ކަމަށެވެ.