15 Jul 2011, 20:52
ނިއުޔޯކް : ޢަރަބި އިސްލާމީ ޤައުމެއް ކަމަށްވާ ސޫދާން ދެބައިކުރުމަށްފަހު ރިޕަބްލިކް އޮފް ސައުތު ސޫދާންގެ ނަމުގައި އުފެއްދި މިނިވަން ދައުލަތް އދ. ގެ މެންބަރު ޤައުމަކަށް ވެއްޖެއެވެ.
ދެކުނު ސޫދާނަށް އދ. ގެ މެންބަރުކަންދިނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ރިކޮމެންޑޭޝަނާ އެއްގޮތަށް ޖެނެރަލް އެސެމްބްލީން އިއްޔެ ބޭއްވި ޖަލްސާއެއްގައި އެއެސެމްބްލީގެ ބޮޑު އަޣްލަބިއްޔަތަކުންނެވެ.
ދެކުނު ސޫދާނާއެކު އދ. ގެ މެންބަރު ޤައުމުތަކުގެ ޢަދަދުވަނީ 193 އަށް އަރާފައެވެ. ދެކުނު ސޫދާންގެ ކުރިން އދ. ގެ މެންބަރުކަން ދިން އެންމެ ފަހުން ޤައުމަކީ ރިޕަބްލިކް އޮފް މޮންޓިނެގްރޯއެވެ. ކުރީގެ ޔުގޮސްލޭވިޔާގެ އިއްތިޙާދުގައި ހިމެނޭ މޮންޓިނެގްރޯއަށް އދ. ގެ މެންބަރުކަންދިނީ 2006 ވަނަ އަހަރުއެވެ.
ދެކުނު ސޫދާނުގެ މިނިވަން ދައުލަތް ިއޢްލާންކުރީ މި ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. އެއީ ސޫދާން ދެބައިކުރުމާބެހޭ ގޮތުން އެޤައުމުގެ ދެކުނުގެ އެފްރިކާ ދަރިކޮޅުގެ މީހުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ދެކުނު ސޫދާންގެ ދައުލަތް އިޢްލާން ކޮށްފައިވަނީ ސޫދާނުގެ އެންމެ ހަތަރު ބައިކުޅަ އެއްބައި ބިމުގައެވެ. ސޫދާނަކީ ކުރިން އެފްރިކާގެވެސް އަދި ޢަރަބި ދުނިޔޭގައިވެސް ބިމުގެ ގޮތުން އެންމެ ބޮޑު ޤައުމެވެ. ނަމަވެސް ސޫދާން ދެބައިކޮށް ދެކުނު ސޫދާންގެ ނަމުގައި ވަކި ދައުލަތެއް އުފެއްދުމުން ސޫދާނަކީ ބިމުގެ ގޮތުން އެފްރިކާގައި ދެވަނައަށް އެންމެ ބޮޑު ޤައުމެވެ. ޢަރަބި ދުނިޔޭގައި ތިންވަނައަށް އެންމެ ބޮޑު ޤައުމެވެ. ދުނިޔެއަށްބަލާއިރު ސޫދާނަކީ މިހާރު ބިމުގެ ގޮތުން ދުނިޔޭގައި 16 ވަނަ ޤައުމެވެ.
ދެކުނު ސޫދާންގެ އާ ދައުލަތް ހިމެނެނީ ދުނިޔޭގައިވާ އެންމެ ފަގީރު ޤައުމުތަކުގެ ލިސްޓްގައެވެ. ސޫދާނުގައިވާ ތެލުގެ ޚަޒާނާގެ ބޮޑުބައިވަނީ އެޤައުމުގެ އުތުރުގައެވެ. ނަމަވެސް އަލަށް އުފެއްދި ދެކުނު ސޫދާނުގެ ބިމުގައިވެސް ކޮންމެވެސް ވަރަކަށް ތެޔޮހުރި ކަމަށް ސާރވޭތަކުން ހާމަވެފައިވެއެވެ.
ދުނިޔޭގެ ޤައުމުތަކުން ގެންދަނީ ދެކުނު ސޫދާންގެ މިނިވަން ދައުލަތަށް އިޢްތިރާފްވެ އެދައުލަތް ޤަބޫލު ކުރަމުންނެވެ. -- އަލްޖަޒީރާ