17 Jun 2017, 21:20
ބަނގުރަލުގެ މައްސަލައެއްގައި ރޭ ފަތިހު ހައްޔަރުކުރި ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ) ގޭ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިދީފި އެވެ.
ނެޝެނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ އެގްޒެކްޓިވް ކޯޑިނޭޓަރުކަން ވެސް ކުރައްވަމުން ގެންދަވާ މުއާ ހައްޔަރުކޮށްފައި ވަނީ ރޭ ފަތިހު 4:50 އެހާކަންހާއިރު އެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި ރޭ މުއާ ހައްރުކޮށްފައި ވަނީ މއ. ގޮމަށިގެއިން އިތުރު ދެ އަންހެނުންނާއި ދެ ފިރިހެނުންނާ އެއްކޮށެވެ. ނަމަވެސް މުއާގެ އިތުރުން ދެން ހައްޔަރުކުރި ހަތަރު މީހުން ވަނީ ކޯޓުން ދޫކޮށްލާފަ އެވެ.
ރޭ ހައްޔަރު ކުރި ފަސް މީހުން ތިބި ތަނުން ފުލުހުން ވަނީ ބަނގުރާ ކަަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ފުޅި ވެސް ހޯދާފައިކަން ވެސް ވަނީ އެނގިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ސިޔާސީ މަގާމެއް ފުރައްވަމުން ގެންދަވާ މުއާ، އެންސީއޭގެ ކޯޑިނޭޓަރުގެ މަގާމުން 2015 ވަނަ އަހަރު ވަކިކުރުމަށްފަހު، އެ މަގާމު އަލުން ދެއްވާފައި ވަނީ މިދިޔަ އަހަރު އެވެ.