17 Jun 2017, 21:03
މާލެއާ ތައިލެންޑްގެ ބެންގްކޮކާ ދެމެދު ސީދާ ދަތުރުތައް އަންނަ ޖުލައި މަހު ފަށާ އެއާ އޭޝިއާއިން ޓިކެޓު ވިއްކަން ފަށައިފި އެވެ. އެއާ އޭޝިއާއިން މާލެ-ބެންގްކޮކް ދެކޮޅު ޓިކެޓު ވިއްކަނީ 350 ޑޮލަރަށެވެ.
މާލެއާ ބެންގްކޮކާ ދެމެދު ސީދާ ދަތުރުތައް ކުރުމުގެ ހުއްދަ، ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ތައި އެއާ އޭޝިއާއަށް ދިނީ ޖޫން މަހުގެ އަށް ވަނަ ދުވަހުއެވެ.
ތައި އެއާ އޭޝިއާގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓަކީ، އެއާ އޭޝިއާގެ ވެސް ޖެނެރަލް ސޭލްސް އޭޖެންޓް އޯލް އެޗް މޯލްޑިވްސްއެވެ. އޯލް އެޗް މޯލްޑިވްސްއިން ބުނި ގޮތުގައި، މާލެއާ ބެންގްކޮކާ ދެމެދު ކުރާ ދަތުރުތަކުގެ ޓިކެޓު ވިއްކަނީ 250 ޑޮލަރުގެ ޕްރޮމޯޝަނަލް އަގުގައެވެ. އަދި ޓިކެޓު ގަންނަން ޖެހެނީ ޖޫން 25 ގެ ކުރިން ކަމަށާއި، ކުރިޔަށް އޮތް އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އެ ޓިކެޓުން ދަތުރު ކުރެވޭނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.
ތައި އެއާ އޭޝިއާ އިން، އެއާބަސް އޭ320 މަރުކާގެ ބޯޓެއް ބޭނުންކޮށްގެން ދަތުރު ކުރާނީ މާލެއިން ބެންގްކޮކުގެ ޑޮން މުއާންގް އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ތައި އެއާ އޭޝިއާ އިން ރާއްޖެއަށް ދަތުރު ފެށުމުން، ރާއްޖެއާ ތައިލެންޑާ ދެމެދު ދަތުރުކުރާ އެއާލައިންތަކުގެ އަދަދު ތިނަކަށް އަރާނެ އެވެ. އިތުރު އެއާލައިންތަކަކީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނާއި، ބެންގްކޮކް އެއާވޭޒްއިންނެވެ.
މީގެ ކުރިން މޯލްޑިވިއަނުން ދަތުރުކުރަމުން ދިޔައީ ބެންގްކޮކުގެ ޑޮން މުއާންގް އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާޕޯޓު ހުންނަނީ ބެންގްކޮކުގެ އުތުރުގެ އަވަށެއްގަ އެވެ. ނަމަވެސް މި މަހުން ފެށިގެން މޯލްޑިވިއަން ދަތުރުކުރަނީ ބެންގްކޮކްގެ މައި ބައިނަލްއަގުވާމީ އެއާޕޯޓް، ސުވަނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.