ނެދަލޭންޑުސްގެ މަސްވެރިންތަކެއް ދާ އަޅައިގެން މަސްވެރިކަން ކުރަނިކޮށް ދެ ބޯ ހުރި ހާބާ ޕޯޕޮސް އެއް ހިފިއްޖެ އެވެ.

އެ ޕޯޕޮސް އޮތީ ދަލުގައި ޖެހުނު އިރުވެސް މަރުވެފައި ކަމުން، އޭތި ބޯޓުގައި ބޭއްވުމަކީ ގާނޫނާ ހިލާފު ކަމަކަށް ވެދާނެތީ އެމަސްވެރިން ވަނީ އޭތި ކަނޑަށް އެއްލާލާފަ އެވެ. ނަމަވެސް އޭގެ ކުރިން އެ މީހުން ނެގި ޕޯޕޮސްގެ ފޮޓޯތަކަށް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ލިބިފަ އެވެ.

ހަށިގަނޑުން ގުޅިފައިވާ އިންސާނުންނާއި އޮޅުކުރެވޭ ޖަނަވާރު މީގެ ކުރިން ދިރާސާކޮށްފައިވީ ނަމަވެސް ދެ ބޯ ހުރި ބޮޑުމަހާއި، ކޯމަސް މީގެ ކުރިން ފެނިފައި ވަނީ އެންމެ ނުވަ ފަހަރެވެ. އަދި މިއީ ދެ ބޯ ހުރި ޕޯޕޮސްއެއް ފެނުނު ފުރަތަމަ ފަހަރެވެ.

އޮންލައިން ޖާނަލްއެއް ކަމަށްވާ ޖާނަލް އޮފް ދި ނެޗުރަލް ހިސްޓްރީ މިއުޒިއަމް ރޮޓާޑަމްގައި ހިމަނާފައިވާ އާޓިކަލްއެއްގައިވާ ގޮތުން ގުޅިފައިވާ ބޮޑުމަހާއި ކޯމަސް ދިރާސާކުރެވިފައި ވަނީ ވަރަށް ކުޑަކޮށެވެ.

އަދި މިފަހަރު މަސްވެރިންނަށް ފެނުނު ޕޯޕޮސް ދިރާސާ ކުރަން ސައިންސުވެރިންނަށް ފުރުސަތު ނުލިބުނު ނަމަވެސް އޭގެ ފޮޓޯތަކަށް ބެލުމަށް ފަހު ސައިންސުވެރިން ބުނާ ގޮތުގައި އެއީ އުފަންވިތާ މާގިނަ އިރު ނުވަނީސް މަރުވެފައިވާ ފިރިހެން ޕޯޕޮސްއެކެވެ.

ޕޯޕޮސްއަކީ އެވަރެޖް ގޮތެއްގައި ކޮންމެ އަހަރަކު ނުވަތަ ދެ އަހަރުން އެއް ފަހަރު ވިހާ ޖަނަވާރެކެވެ. ސައިންސުވެރިން ލަފާ ކުރާ ގޮތުގައި ޕޯޕޮސްގެ ދުނިޔޭގެ އާބާދީ އަކީ ގާތްގަނޑަކަށް 700،000 އެވެ.