15 Jul 2011, 20:45
ލ. ގަމާއި އެ އަތޮޅު ފޮނަދޫގައި ރަމަޟާން މަހަށް ފައްކާ ކުރުމުންދިޔަ ކަރާ ދަނޑުތަކާއި މިރުސް ދަނޑުތަކުގެ އިތުރުން ބަށި ދަނޑަކަށް ބަޔަކު ގެއްލުންދީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލައިފި އެވެ.
ފޮނަދޫ ދަނޑުވެރިއަކު ބުނީ ރޭ މެންދަމު އެ ސަރަހައްދުގެ ހަތަރު ދަނޑަކަށް ގެއްލުންދީފައިވާ ކަމަށާއި ދަނޑުތަކަށް ގެއްލުންދިނީ ކޮންބައެއް ކަމެއް ނޭނގޭ ކަމަށެވެ. ދަނޑުތައް ހަލާކުކޮށްލި އިރު މިވަގުތު ދަނޑުތަކުގައި ހުރި ހުރިހާ މޭވާއާއި ތަރުކާރީގެ އިތުރުން ފަލަމަޑީގެ ބާވަތްތައް ވެސް ހަލާކުކޮށް ބޭނުން ނުކުރެވޭ ވަރުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
ރޭ ހަމަލާދީފައި ވަނީ ފޮނަދޫގެ ދެ ދަނޑަކަށާއި ގަމުގެ ދެ ދަނޑަކަށެށެވެ. އެއް ފަހުން ގުޅިފައިވާ ދެރަށުގެ ދަނޑުވެރިން ބުނީ ގެއްލުން ދިނުމުގެ ސަބަބުން ލިބުނު ގެއްލުން 70000ރ. އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"ރޭގަ އަޅުގަނޑުގެ ކަރާ ދަނޑަށް ހަމަލާދީ، ކޮށައި އަޅާލާފަ ހުރީ. ހަމަ ކަތިވަޅިން ހަމާދީފަ ހުރީ. ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށް، ކޮށާލާފަ ހުރީ. އަދި މިރުސް ދަނޑުތަކަށް ހަމަލާދީފައި ވަނީ ވެސް ހަމަ އެގޮތަށް. ބަށި ދަނޑުތަށް ވެސް ކޮށާލާފަ ހުރި،" ފޮނަދޫގައި ދަނޑިވެރިކަން ކުރަމުން އަންނަ، އެ ރަށު ފުރުއްމާގޭ އަޒީޒާ މޫސާ މިއަދު ބުންޏެވެ.
އޭނާ ބުނީ ރޯދައަށް ހަތަރު ޓަނުގެ ކަރާ، އޭނާގެ ދަނޑުގައި ތައްޔާރުވެފައި ހުރި ކަމަށާއި ދަނޑަށް ލިބުނު ގެއްލުން 16000ރ. އަށް އަރާނެ ކަމަށެވެ.
ދަނޑުވެރިން ބުނީ ދަނޑުތަކަށް ދީފައިވާ ގެއްލުމުގެ ސަބަބުން ރޯދަ މަހަށް އިތުރު މޭވާއާއި ތަރުކާރީ ލ. އަތޮޅުން މާލެއަށް ދެން ނޮފޮނުވޭނެ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ދަނޑުތައް ސުންނާފަތި ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.