17 Jun 2017, 14:35
މެލޭޝިޔާގެ ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ ކޮލެޖް ސެޑަޔާ އިންޓަނޭޝަނަލް (ޔޫސީއެސްއައި)ގެ ޕީއެޗްޑީ ޕްރޮގްރާމަކާއި ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމް އެވިޑް ކޮލެޖުގައި ހިންގަން ނިންމައިފި އެވެ.
އެވިޑް ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެވިޑް ކޮލެޖުން ވަނީ އެކަމުގެ އެއްބަސް ވުމުގައި ޔޫސީއެސްއައި އާ އެކު ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި އެވިޑް ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖުގެ ޗެއާމަަން އަބްދުﷲ މުސްތާގް ރަޝާދު އެވެ. އަދި ޔޫސީއެސްއައި ގެ ފަރާތުން ސޮއި ކުރެއްވީ، ޕްރޮފެސަރ ޑރ. އޫއި ކެންބޫން އެވެ.
ޔޫސީއެސްއީ އިން ކުރިއަށް ގެންދާ ޕީއެޗްޑީ ޕްރޮގްރާމުގެ މުއްދަތަކީ، މަދުވެގެން ތިން އަހަރެވެ. އަދި ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމަކީ އެއް އަހަރު ދުވަހުގެ ކޯހެކެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުޝްތާގް ވިދާޅުވީ، ޔޫސީއެސްއައިގެ ޕްރޮގްރާމް އެވިޑްކޮލެޖުގައި ހިންގަން ފުރުސަތު ލިބިގެން ދިއުމަކީ އެ ކޮލެޖަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.
އެވިޑް ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"އެވިޑްކޮލެޖާއި ޔޫސީއެސްއައި އާ ގުޅިގެންދިޔަ ދިއުމަކީ ކޮލެޖަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން. އެ ގޮތުން ބިޒްނަސް އެޑްމިނިޓްރޭޝަން ދާއިރާއިން މި ކޮލެޖުގައި ތައުލީމު ހާސިލްކޮށް ނިންމުމަށް ފަހު، މިއަދު މިއޮތީ ޕީއެޗްޑީއަށް ދިއުމުގެ ފުރުސަތު ވެސް އެވިޑް ކޮލެޖުގެ ފަރާތުން ހުޅުވާލެވިފައި،" މުސްތާގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޔޫސީއެސްއައި ޔުނިވާސިޓީން ކުރިއަށް ގެންދިއުމަށް ހަމަޖެހުނު ދެ ވަނަ ޕްރޮގްރާމްކަމަށްވާ ޕޯސްޓް ގްރެޖުއޭޓް ޓީޗިން ޕްރޮގްރާމަކީ ބެޗްލާސް ޑިގްރީ ނިންމާފައި ތިބި ދަރިވަރުންނަށް ލިބިގެން ދިޔަ އިތުރު ފުރުސަތެއް ކަމަށެވެ.
އެ ދެ ޕްރޮގްރާމްވެސް ހިންގާނީ ޔޫސީއެސްއައި ޔުނިވާސިޓީންނެވެ. އެވިޑް ކޮލެޖު ހަރަކާތްތެރިވާނީ ޔޫސީއެސްއައިގެ ލާނިން ސެންޓަރެއްގެ ގޮތުގަ އެވެ. އަދި އެޑްމިނިސްޓްރޭޓިވް ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ އެވިޑް ކޮލެޖުންނެވެ.
އެ ކޮލެޖުން ބުނީ އެ ކޯސްތަކަށް ޝައުގުވެރިވާ ބޭފުޅުން އެވިޑްކޮލެޖާ ގުޅުމުން އެ ކޯސްތަކާ ގުޅޭ އިތުރު އިތުރު މައުލޫމާތު ލިބޭނެ ކަަމަށެވެ.