ޕަބްލިކް ހެލްތު މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރާނަމަ ކަންތައްތައް ބޮޑުވެ، ފަލަވެ، އެތައް ބައެއްގެ ފުރާނަ ގެއްލޭ ހިސާބަށް ކަންތައްތައް ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެނު ޑެންގީ ހުން ކޮންޓްރޯލް ކުރެވުމާ ގުޅިގެން، އެ ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މިއަދުގެ ރޭޑިއޯ ހިތާބުގައި ރައީސް ނަޝީދު ވިދާޅުވީ ކައުންސިލްތަކާއި އަދި ލާމަރްކަޒީ އުޞޫލު މެދުވެރިކޮށްގެން، ބަލިބަލިން ސަލާމަތްވެ އުޅެވޭނެ އާދަތަކެއް ތަޢާރަފު ކުރުމުގެ ފުރުޞަތު ލޯކަލް ކައުންސިލްތަކާ އެކީގައި މަސައްކަތް ކޮށްގެން ހޯދޭނެ ޖާގަ މިހާރު ލިބިފައިވާ ކަމަށެވެ. ސަރުކާރުގެ ހުރިހާ ބޭފުޅުން ވެސް އަދި ހުރިހާ ކައުންސިލުން ވެސް މަސައްކަތް ކުރައްވައި ޕަބްލިކް ހެލްތްގެ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރާ ކަމެއްގެ ގޮތުގައި ދެމެހެއްޓުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުގެ އެދުމަކީ، ސަރުކާރުގެ ހުރިހާ ބޭފުޅުން ވެސް އަދި ހުރިހާ ކައުންސިލުން ވެސް އެކުގައި މަސައްކަތް ކުރައްވައި، ޕަބްލިކް ހެލްތްގެ މަސައްކަތްތައް އެއީ ފަރުވާތެރިކަމާ އެކީގައި އަބަދުމެ ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ހެދުން. އަބަދަށް އަޅުގަނޑުމެން މިކަންކަން ކުރަމުން ގެންދިޔައީމާ، ކަންތައްތައް ބޮޑުވެ، ފަލަވެ، އަޅުގަނޑުމެންގެ އެތައް ބައެއްގެ ފުރާނަ ގެއްލޭ ހިސާބަށް ކަންކަމެއް ނުދާނެ،" ރައީސް މިއަދު ދެއްވި 106 ރޭޑިއޯ ހިތާބުގައި ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޑެންގީ ހުން ކޮންޓްރޯލް ކުރަން އުފެއްދި ޓާސްކްފޯހުގެ މަސައްކަތްތައް ވަރަށް ރަނގަޅަށް ކުރިއަށްގޮސް، އޭގެ ނަތީޖާ ފެނިފައިވާ ކަމަށެވެ. ޓާސްކްފޯހުގެ މަސައްކަތްތުގައި ސަރުކާރަށް އެއްބާރުލުން ދިން ރައްޔިތުންނާއި އިދާރާތަކުން ކުރި މަސައްކަތްތަކަށް ރައީސް ޝުކުރު ވެސް އަދާކުރެއްވެވި އެވެ.

"މި މައުޟޫގައި އަޅުގަނޑު އިތުރަށް ދަންނަވާން، ފާހަގަކުރާން ބޭނުން ދެތިން ނުކުތާއެއް އެބަވޭ. ރާއްޖޭގައި ގައިން ގަޔަށް އަރާ އަދި އެކި ގޮތްގޮތަށް ފެތުރެމުންދާ ތަފާތު ބާވަތްތަކުގެ ރޯގާތަކުގެ ތެރެއިން މަދިރި މެދުވެރިވެގެން އަޅުގަނޑުމެންނަށް މި ދިމާވާ ކަންކަމަކީ، ވަރަށްގިނަ ޒަމާނު މި ރާއްޖޭގައި ދިމާވަމުން އައިސްފައި ހުރި ކަންކަން. މިހާރު އަޅުގަނޑުމެންނަށް އެކުލަވާލެވިފައި މިއޮތް ރަށްރަށުގެ ކައުންސިލްތަކާއި އަދި ލާމަރްކަޒީ އުޞޫލު މެދުވެރިކޮށްގެން، އަޅުގަނޑުމެންގެ ދިރިއުޅުން، މިއަށްވުރެ މާބޮޑަށް ބަދަލުވެ އަދި އަޅުގަނޑުމެންނަށް ބަލިބަލިން ސަލާމަތްވެ އުޅެވޭނެ އާދަތަކެއް އަޅުގަނޑުމެންގެ ތެރޭގައި ތަޢާރުފް ކުރުމުގެ ފުރުޞަތު މިއަދު މިވަނީ ލޯކަލް ކައުންސިލްތަކާ އެކީގައި މަސައްކަތް ކޮށްގެން ހޯދޭނެ ޖާގަ ލިބިފައި." ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުގެ އެދުމަކީ، ސަރުކާރުގެ ހުރިހާ ބޭފުޅުންވެސް އަދި ހުރިހާ ކައުންސިލުންވެސް އެކުގައި މަސައްކަތް ކުރައްވައި، ޕަބްލިކް ހެލްތްގެ މަސައްކަތްތައް އެއީ ފަރުވާތެރިކަމާ އެކީގައި އަބަދުމެ ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ހެދުން. އަބަދަށް އަޅުގަނޑުމެން މިކަންކަން ކުރަމުން ގެންދިޔައީމާ، ކަންތައްތައް ބޮޑުވެ، ފަލަވެ، އަޅުގަނޑުމެންގެ އެތައް ބައެއްގެ ފުރާނަ ގެއްލޭ ހިސާބަށް ކަންކަމެއް ނުދާނެ،"