ބަތަލާ ޝްރައްދާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު 'ހަސީނާ ޕާކަރް'ގެ ޓީޒާ ދައްކާލައިފި އެވެ.

މިހާތަނަށް ޝްރައްދާ މުޅިން ވެސް ކުޅެފައި ވަނީ "ދަ ގާލް ނެކްސްޓް ޑޯ"ގެ ރޯލުތަކެވެ. އެހެން ނަމަވެސް، 'ހަސީނާ'ގައި ފެނިގެން ދަނީ ޝްރައްދާގެ މުޅިން ތަފާތު ރޯލެކެވެ.

އެ ފިލްމަކީ އިންޑިއާގެ ޑޯން ދާވޫދް އިބްރާހިމްގެ އަންހެން ކޮއްކޮ ހަސީނާ ޕާކަރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ހަސީނާގެ މައްޗަށް 88 ދައުވާއެއް ކޮށްފައިވީ ނަމަވެސް، އޭނާ ކޯޓަށް ހާޒިރު ކުރެވިފައި ވަނީ އެންމެ ފަހަރަކު އެވެ.

ފިލްމުގައި ޝްރައްދާ ފެނިގެން ދާނީ އަންހެން ދަރިއެއް، ކޮއްކޮ އެއް، މަންމަ އެއް އަދި ގޭންގްސްޓާރެއްގެ ރޯލުތަކުންނެވެ. ޓީޒާ އިން ވެސް އެ ފިލްމުގައި ޝްރައްދާގެ ވަރުގަދަ ރޯލެއް ފެންނާނެ ކަން އެނގެ އެވެ.

އެ ފިލްމު ޑައިރެކްޓު ކުރަނީ 'ޝޫޓްއައުޓް އެޓް ލޮކަންޑްވާލާ' ވެސް ޑައިރެކްޓް ކުރި އަޕޫރްވާ ލާކިއާ އެވެ. އެ ފިލްމުގައި ދައްކުވައިދޭނީ ހަސީނާ ޕާކަރުގެ އުމުރުން 17 އަހަރާއި 55 އަހަރާ ދެމެދު ހިނގާފައިވާ ހާދިސާތަކެވެ.

ފިލްމުގައި ދާވޫދުގެ ރޯލުން ފެނިގެންދާނީ ޝްރައްދާގެ ބޭބެ ސިދާންތު ކަޕޫރެވެ. މިއީ ޝްރައްދާ އާއި ސިދާންތު އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ޝްރައްދާގެ ފިރިމީހާގެ ރޯލުން ފެނިގެން ދާނީ އަންކުރް ބާޓިއާ އެވެ.

މިއީ ޝްރައްދާ ބަޔޮޕިކް އެއްގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. ކުރިން އެ ފިލްމަށް ދީފައިވާ ނަމަކީ 'ހަސީނާ: ދަ ކުއީން އޮފް މުމްބާއީ' އެވެ. ނަމަވެސް މިހާރު ފިލްމުގެ ނަން ބަދަލުކޮށް، އަންނަ އޯގަސްޓު މަހުގެ 18 ވަނަ ދުވަހު ރިލީޒް ކުރުމަށް ވަނީ ނިންމައިފަ އެވެ.