17 Jun 2017, 11:01
ބާލިން (ޖޫން 17) : ޖަރުމަނުގެ ކުރީގެ ޗާންސެލަރު އަދި އެގައުމުގައި ވެރިކަންކުރާ ކްރިސްޓިޔަން ޑިމޮކްރެޓިކް ޔުނިޔަން ޕާޓީގެ ކުރީގެ ލީޑަރު ޑރ. ހެލްމޮޓް ކޯލް އަވަހާރަވެއްޖެ އެވެ.
އަވަހާރަވިއިރު ކޯލްގެ އުމުރަކީ 87 އަހަރެވެ. ރިޕޯޓްތައް ބުނާ ގޮތުން ހެލްމޮޓް ކޯލް އަވަހާރަވީ ޖަރުމަނުގެ ހުޅަނގުގައިވާ އޭނާގެ އުފަންރަށްކަމަށްވާ ލޮޑޮވިޖިސްހާވްންގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި އިއްޔެ ހެނދުނު ގެ ވަގުތެއްގަ އެވެ. ބައްޔަކީ މުސްކުޅި ބައްޔެވެ. އަވަހާރަވި އިރު ކައިރީގައި ހުންނެވީ އަނބިކަނބަލުން މައިކާ ކޯލް ރެޚްތާ އެވެ. މައިކާ އަކީ ކޯލް ކައިވެނިބައްލަވައިގެންނެވި ދެވަނަ އަނބިކަނބަލުންނެވެ.
ޑރ. ހެލްމޮޓް ކޯލް އަކީ މެދުކެނޑުމެއްނެތި 16 އަހަރުވަންދެން ޖަރުމަނުގެ ޗާންސެލާ (ބޮޑުވަޒީރު) ކަން ކުރައްވާފައިވާ މެދުމިނުގެ ފިކުރުގެ ބޭފުޅެކެވެ. ނަވާރަސަތޭކަ އަށްޑިހަ ދެވަނަ އަހަރުން 1989 އަށް ޖަރުމަނުގެ ވެރިކަން އޭނާ ކުރައްވާފައިވެ އެވެ. ޖަރުމަނުގެ މިހާރުގެ ޗާންސެލާ އެންގެލާ މާކަލްއަކީ ކޯލްގެ ސިޔާސީ ދަރިވަރެކެވެ. މާކަލް ސިޔާސީ މައިދާނަށް ނެރުއްވައި އެކަމަނާ އަށް ސިޔާސީ މައިދާނުގެ ކަންތައްތަކަށް މަގުފަހިކޮށްދެއްވީ ކޯލް އެވެ.
ދެވަނަ ބޮޑުހަނގުރާމައަށް ފަހު ޖަރުމަނުގެ މަސްރަހަށް އައި އެންމެ ބޮޑު ބަދަލުކަމަށްވާ ބާލިންގެ ފާރު ވައްޓާލުމާއި މިއާ ގުޅިގެން ކުރީގެ އިރުމަތީ ޖަރުމަނާއި ހުޅަނގު ޖަރުމަނު އެއްވެ މިހާރުގެ ބޮޑު ޖަރުމަނުވިލާތް ވުޖޫދަށް ގެނައުމުގެ ބާނީއަކީ ކޯލް އެވެ.
ދެޖަރުމަނު އެއްކޮށްލުމުން ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ފަހަތަށް ޖައްސާލުމަށް ފަހު ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދަށް ވެގެންދިޔައީ ޖަރުމަނެވެ. ކުރީގެ ސޮވިއެޓް ޔުނިޔަންއާއި އެމެރިކާއާ ދެމެދުއޮތް ޒަމާންވީ ފިނި ހަނގުރާމަ ނިމުމާއި ސޮވޮއެޓް ޔުނިޔަން ރޫޅިގެންދިޔުން ފަދަ ބައިނަލްއަގްވާމީ މަސްރަހުގައި ފާހަގަކޮށްލެވޭ ބޮޑެތި ކަންކަން ހިނގާފައިވަނީ ކޯލްގެ ވެރިކަމުގެ ދުވަސްވަރުގަ އެވެ.
ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރު ވިލާތުގެ އިއްތިޙާދުގެ ނަމުގައި ޔޫރަޕްގެ ގައުމުތައް އެއްޖަމާއަތެއްގެ ގޮތުގައި ދުނިޔެއަށް ނެރުމުގެ އިސް މޭސްތިރިއަކީ ވެސް ކޯލް އެވެ. އޭގެ ކުރިން ޔޫރަޕްގައި އޮންނަނީ ޔޫރަޕިޔަން ކޮމަންމާކެޓް ކިޔާ ޖަމާއަތެކެވެ. ޔޫރަޕްގެ ގައުމުތަކުގެ ގުޅިފައިވާ ފައިސާގެ ގޮތުގައި ޔޫރޯ ނެރުމުގެ އިސް މޭސްތިރިއަކީ ވެސް ކޯލް އެވެ.
މިއީ އިނގިރޭސިވިލާތް ހިތްހަމަނުޖެހުނު ކަމެކެވެ. ސަބަބަކީ މިކަމުގެ ސަބަބުން ޔޫރަޕްގެ ބައްރުގައާއި ޔޫރަޕްގެ ޖަމާއަތުގެ ތެރޭގައި ޖަރުމަނުގެ ބާރާއި ނުފޫޒު ވަރުގަދަވެ އިނގިރޭސީންގެ ބާރާއި ނުފޫޒު ކުޑަވެގެންދާތީ އެވެ. އެންމެފަހުން އިނގިރޭސިވިލާތް މިދިޔަ އަހަރުވަނީ ޔޫރަޕްގެ އިއްތިޙާދުން ވަކިވެ ޔޫރަޕާ އަމިއްލައަށް އެކަހެރިވެގެން އުޅުމަށް ނިންމާފައެވެ. (ނޫސްއެޖެންސީތައް)