ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަށް ނޮމިނޭޓުކޮށްފައިވާ ފަރާތްތަކަށް އޮންލައިން މެދުވެރިކޮށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައިރައިޒުން އިންތިޒާމުކޮށްގެން މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސަޓާ އެވޯޑަކީ ސަރަހައްދީ ފެންވަރުގައި ފަތުރުވެރިކަމުގެ ދާއިރާއިން ހޮވާލެވޭ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ. މިދިޔަ އަހަރުގެ އެވޯޑު ހަފްލާ ސްރީ ލަންކާގައި ބާއްވާފައިވާއިރު މިއަހަރުގެ އެވޯޑު ހަފްލާ ބާއްވަން ހަމަޖައްސާފައި ވަނީ ރާއްޖޭގެ ރިސޯޓެއްގައި އަންނަ އޮކްޓޯބަރުގެ ފަހު ކޮޅުގައެވެ.

މިއަހަރުގެ އެވޯޑަށް 300 އަށްވުރެ ގިނަ ހޮޓެލް ބްރޭންޑުތަކާއި ރިސޯޓުތައް ނޮމިނޭޓުކޮށްފައިވާއިރު އޭގެ ތެރޭގައި ސަރަހައްދީ ފެންވަރުގެ ބޮޑެތި ބްރޭންޑުތައް ހިމެނެއެވެ.

މިއަހަރުގެ ސަޓާ އެވޯޑްސްގައި މައިގަނޑު ގޮތެއްގައި 10 ސެގްމެންޓަކުން 34 މޭޖާ ކެޓަގަރީ ހިމެނެއެވެ.

ފުރަތަމަ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގައި ބައިވެރިވެފައި ވަނީ ރާއްޖޭގެ އިތުރުން ސްރީލަންކާ އާއި އިންޑިއާގެ ފަރާތްތަކުންނެވެ. މިއަހަރުގެ ސަޓާ އެވޯޑްސްގައި ރާއްޖެ އާއި އިންޑިއާ އަދި ލަންކާގެ އިތުރުން، ބޫޓާން އަދި ނޭޕާލުފަދަ ގައުމުރަކުން ވެސް ބައިވެރިވެއެވެ.

ތިން ސަތޭކައަށްވުރެ ގިނަ ނޮމިނޭޝަންސް އެ އެވޯޑަށް ހުށަޅާފައިވާއިރު އެ ފަރާތްތަކަށް ވޯޓު ދިނުމަށް ސަޓާގެ ވެބްސައިޓުގައި ވަނީއޮންލައިން ވޯޓިން ޕޯޓަލްއެއް ގާއިމްކޮށްފަ އެވެ. ވޯޓު ދިނުން ހުޅުވާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށެވެ.

މިދިޔަ މަހުގެ ނިޔަލަށް ނޮމިނޭޓު ކުރުމުގެ ފުރުސަތު ހުޅުވާލުމުން އިންޑިއާ އިން ނޮމިނޭޓު ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެކްސްޕީރިއެންޓަލް ހޮޓެލްސް، ރެޑިސަން ހޮޓެލް، ދަ ރޭވިޒް، ޔޫޑީއެސް ހޮޓެލްސް، ވީތިރީގެ އިތުރުން ދޭޝާދަން އާއި ޖޯން ހޮވާޑާއި ދަ ލީލާ ޕްލެސެސް އާއި ޝެރަޓަން އަދި އަވާލޭންޑް ފަދަ ބޮޑެތި ބްރޭންޑުތައް ހިމެނެ އެވެ. މީގެ އިތުރުން އިންޑިއާގެ އެންމެ ދުވަސްވީ ތާޖު ވެސްޓް އެންޑް ހޮޓާ ވެސް ވަނީ މި އެވޯޑަށް ނޮމިނޭޓުކޮށްފަ އެވެ.

ނޭޕާލުން ޝަންގްރިއްލާ، މަލްބެރީ، މަނަސްލު، ފިޝްޓެއިލް އަދި ބަރަހިގެ އިތުރުން ވިޒިޓް ނޭޕާލް ހޮޓެލް ފަދަ ބްރޭންޑުތައް ނޮމިނޭޓް ވެފައިވާއިރު އަވަށްޓެރި ސްރީލަންލާގެ ސިނަމަން ބްރޭންޑުން އެކަނި ވެސް ހަތް ރިސޯޓެއް ވަނީ ނޮމިނޭޓް ކޮށްފަ އެވެ.

ސިނަމަންގެ ހަތް ރިސޯޓުގެ އިތުރުން ރޯޔަލް ޕާމްސް، ސޭސޭންޑްސް އަދި ކޮލޮމްބޯ ކޯޓްޔާޑް ފަދަ ބްރޭންޑްތައް ނޮމިނީސްގެ ތެރޭގައި ހިމެނެ އެވެ.

ބޫޓާން ތަށީ ނަމްގޭ ފަދަ ބްރޭންޑުތައް ވެސް މިހާރު ސަޓާއަށް ވަނީ ނޮމިނޭޓުކޮށްފަ އެވެ.

ސަޓާގައި މިއަހަރު ދެން ބައިވެރި ވަނީ ރާއްޖެއިންނެވެ. އެ ގޮތުން ރާއްޖެ އިން ނޮމިނޭޓްވެފައިވާ ބްރޭންޑުތަކުގެ ތެރޭގައި ކޮކޯ ކަލެކްޝަން، ވިލާ ހޮޓެލްސް، ލަކްސް، ޑަބްލިއު، އަމާރީ، ސެންތާރާ، ސެއިންޓް ރެޖިސް، އައުޓްރިއްގާ، ކޮކޫން، ހައިޑަވޭ އަދި ދުސިއްތާނީ ހިމެނެ އެވެ.

މީގެ އިތުރުން، ފްލައިމީ އާއި ސްކޫބާ ސްޕާ، ބެސްޓް ޑައިވް، ޑައިވް އޯޝަނަސް، ރިވެރީސް، ބަންޔާން ޓްރީ އާއި ވޮޔޭޖެސް މޯލްޑިވްސް އަދި މަޝްހޫރު އަދާރަން ބްރޭންޑުގެ ފަސް ރިސޯޓު ވަނީ ސަޓާއަށް ނޮމިނޭޓުކޮށްފަ އެވެ.

ސަޓާ އެވޯޑްސް އެންޑޯޒްކޮށްފައިވާ ފަރާތްތައް:

  1. އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޯގަނައިޒޭޝަން، އިންޑިއާ
  2. ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީ ލަންކާ
  3. ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  4. ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް
  5. އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  6. ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)
  7. އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  8. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  9. ނޭޕާލް ޓޫރިޒަމް ބޯޑު
  10. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)