ވެޓަރެންސް ކަޕްގެ ސެމީ ފައިނަލްގައި ވާދަކުރާ ހަތަރު ޓީމް ކަށަވަރުވެއްޖެ އެވެ.

މިހާރު ކުުރިއަށްދާ ވެޓަރެންސް ކަޕްގެ ސެމީ އަށް ހަތަރު ޓީިމް ދަތުރުކޮށްފައިވާއިރު، ސެމީން ޖާގަ ހޯދާފައި ވަނީ ވެލެންސިއާ، ނިއުރޭޑިއަންޓް، މާޒިޔާ އަދި ދިވެހި ސިފައިންގެ ކުލަބަވެ.

މާޒިޔާއިން ސެމީގެ ޖާގައެއް ހޯދި ދެ ވަނަ ބުރުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ ޖުމުލަ ހަ ޕޮއިންޓާއި އެކުއެވެ. އެ ޓީމުން ވަނީ ކުއާޓާގައި ދިވެހި ސިފައިންގެ ކުލަބުގެ މައްޗަށް އަދި ކުލަބް އީގަލްސްގެ މައްޗަށް ވެސް ކުރި ހޯދާފަ އެވެ.

މާޒިޔާ ހިމެނޭ ގުރޫޕުން ދެން ސެމީއަށް ދަތުރު ކުރީ ދިވެހި ސިފައިންގެ ކުލަބެވެ. ބުރާސްފަތި ދުވަހު އީގަލްސްއާ ދެކޮޅަށް އެ ޓީމުން ކުޅުނު މެޗު ކާމިޔާބުކޮށް ސެމީން ޖާގައެއް ހޯދިއިރު އީގަލްސް ވަނީ ދެ ވަނަ ބުރުގައި ޕޮއިންޓެއް ނުލިބި މުބާރާތުން ކަޓާފައެވެ.

ގުރޫޕް ބީ އަށް ބަލާއިރު ސެމީން ޖާގަ ހޯދީ ނިއުރޭޑިއަންޓާއި ވެލެންސިއާއެވެ. ވެލެންސިއާއިން ސެމީގެ ޖާގައެއް ހޯދީ 3 ޕޮއިންޓާއެކު ގުރޫޕްގެ ދެ ވަނާގެ ގޮތުގަ އެވެ. މި ގުރޫޕުން އެއް ވަނަ ހޯދާ ޖުމުލަ 6 ޕޮއިންޓާ އެކު ދެ ވަނަ ބުރަށް ދަތުރުކޮށްފައި ވަނީ ނިއުރޭޑިއަންޓެވެ.