14 Jul 2011, 22:36
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރުގެ މަގާމުގައި ކުރިއަށް އޮތް ފަސްއަހަރު ދުވަހު ހުންނަވާނެ ބޭފުޅަކަށް ޔުނިވަސިޓީގެ ވަގުތީ ވައިސް ޗާންސެލަރުކަމުގެ މަގާމުގައި ހުންނެވި ޑރ. ހަސަން ހަމީދު މިއަދު އިންތިހާބުކޮށްފި އެވެ.
ޑރ. ހަސަން ހަމީދު އެމަގާމަށް އިންތިހާބުކުރީ ޔުނިވަސިޓީގައި މިއަދު އޮތް ޔުނިވަސިޓީ ކައުންސިލްގެ ޖަލްސާގައި ނެގި ސިއްރު ވޯޓަކުންނެވެ.
ގައުމީ ޔުނިވަސިޓީން މިއަދު ނޫސްތަކަށް މައުލޫމާތުދިން ގޮތުގައި ވައިސް ޗާންސެލަރު ކަމުގެ މަގާމަށް ކުރިމަތި ލެއްވީ ދެބޭފުޅެކެވެ. އެއީ މިއަދު އެމަގާމަށް އިންތިހާބުވެވަޑައިގަތް ޑރ. ހަސަން ހަމީދާއި ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ކަމުގެ މަގާމުހައި ހުންނެވި ޑރ. އަލީ ފަވާޒް ޝަރީފެވެ.
ވައިސް ޗާންސެލަރު ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށްޓަކައި އެމަގާމަށް ކުރިމަތިލައްވާ ފަރާތްތައް ޝޯޓްލިސްޓްކޮށް އެންމެ ރަނގަޅު ތިން ފަރާތެއް ޔުނިވަސިޓީ ކައުންސިލަށް ހުށައެޅުމަށްޓަކައި ކައުންސިލް ތެރެއިންނާއި ޔުނިވަސިޓީގެ ބޭރުން ބޭފުޅުން ހިމެނޭ ކޮމިޓީއެއް އެކުލަވާލި ކަމަށް ޔުނިވާސިޓީން ބުންޏެވެ.
އަދި ޝޯޓްލިސްޓް ކުރި ފަރާތްތަކުން ޔުނިވަސިޓީގެ ސްޓާފުންނަށް އެފަރާތްތަކުގެ ތަސައްވުރާއި އެ ތަސައްވުރަށް ވާސިލްވުމަށް މަސައްކަތްކުރާނެ ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޕްރެސެންޓޭޝަނެއް ހުށައެޅި ކަމަށާއި އެޕްރެސެންޓޭޝަނަށް ޔުނިވަސިޓީގެ ސްޓާފުން މާކްސްދިން ކަމަށް އެތަނުން ބުންޏެވެ.