ލައިލަތުލްޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަން ކަނޑައެޅިގެން ނޭނގޭނެހެން ސިއްރުކުރައްވާފައިވަނީ ގިނަ ހިކުމަތްތަކަށްޓަކައި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ރަމަޟާން މަހާ ގުޅުވައިގެން "ލައިލަތުލްޤަދްރި ވިލޭރޭ ހޯދާށެ" މި މައުލޫގެ ދަށުން މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ޚުތުބާގައި ބުނެފައިވަނީ ރަމަޟަންމަހުގައި ލައްވާފައިވާ އެންމެ މަތިވެރި ނިއުމަތަކީ ލައިލަތުލްޤަދްރި ވިލޭރޭ ކަމަށާއި، އެ ރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ކަމަށެވެ.

އެރެއަކީ ކޮން ރެއެއްކަން ސިއްރު ކުރެއްވި ހިކުމަތްތަކުގެ ތެރޭގައި، މާތް ﷲ ގެ އަޅުތަކުން އެކަލާނގެ އަށް ގިނަގިނައިން ދުއާ ކުރުމާއި އަޅުކަން ކުރުމަށް ހިތްވަރު ދިނުމުގެ އިތުރުން އެކަމަށް ޝައުގުވެރިކުރުވުން ހިމެނޭ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން އެމީހުންގެ ފާފަތައް ފުހެވި ދަރަޖަ މަރިވެރިވެގެން ދިއުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.

ތަފްސީރު އިލްމުވެރީން ބަޔާންކުރައްވާ ގޮތުން އެރެއަކި ކުރިއަށް އޮންނަ އަހަރަށް، މާތްﷲ ދުނިޔޭގެ ކަންކަން ކަނޑައަޅުއްވައި ނިންމަވާ ރޭ ކަމަށާއި، އަދި އެރެއަކީ ޤުރުއާން ބާވައިލެއްވުނު މަތިވެރިރޭ ކަމަށްވެސް ޚުތުބާގައި ބުނެފައިވެ އެވެ.

ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބާރުއަޅުއްވައި ގޮވާލެއްވި އެވެ. އެގޮތުން ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލްޤަދްރި ލިބޭތޯ މަސައްކަތް ކުރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘްކުރައްވާފައިވާ ކަމަށާއި، އެހެންކަމުން ފަހު ދިހައިގެ އެންމެހާ ރޭތަކުގައިވެސް އަޅުކަމައިގެން އުޅުމަކީ މުހިއްމު ކަމެއްކަމަށް ޚުތުބާގައި ބުންޏެވެ.

އޭގެ އިތުރުން ރަމަޟާންމަސް އެމީހަކާ ބައްދަލުވުމަށްފަހު، އެމަހުގެ ދުވަސްތަކުގައި އެމީހެއްގެ ފާފަ ނުފުހެވޭ މީހަކީ ގެއްލެނިވެގެންދާ މީހެއްކަމަށް ޚުތުބާގައި ބުންޏެވެ.

"ރަމަޟާން މަސް އެމީހަކާ ބައްދަލުވުމުން، އެމަހުގައި ފާފަ ނުފުހެވޭ މީހާއަށް ހިތާމައާއި ގެއްލުން ހުއްޓެވެ." ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ.

ފަހުދިހައިގެ ރޭތަކާއި ދުވަސްތަކުގައި އަޅުކަން ކުރުމުގައި އުޅުމަށް އަޒުމް ކަނޑައަޅައި މަސައްކަތް ކުރުމަށާއި، ކުޅިވަރާއި މަޖަލުގައި ދުވަސްތައް ނަގައި ނުލުމަށް މިއަދުގެ ޚުތުބާގައި ގޮވާލެއްވި އެވެ.

"މިފަދަ ބާއްޖަވެރި ދުވަސްތައް ކުޅިވަރާއި މަޖަލުގައި ނަގާނުލާށެވެ! މިއަންނަ އަހަރު ރޯދަމަހާ ހަމައަށް ދުނިޔޭގައި ހުންނޭނޭކަމީ އެނގޭ ކަމެއް ނޫނެވެ." ޚުތުބާއި ބުންޏެވެ.

މިއަދުގެ ޚުތުބާގައިވަނީ ފިތުރު ޒަކާތްދެއްކުމަށްވެސް ހަނދާންކޮށްދީފަ އެވެ. ޚުތުބާގައި ބުނީ ފިތުރު ޒަކާތް ނެރުން ވާޖިބުވެގެންވަނީ ތިމާއާއި ތިމާ އެބަޔަކަށް ޚަރަދު ދެމުން އަންނަ ބަޔަކު އީދުވިލޭރެއާއި އީދު ދުވަހު ކެއުމަށް ފުދޭވަރަށް ހުރެފައި އިތުރަށް ހުރި ތަކެތިން ކަމަށެވެ.

ފިތުރު ޒަކާތަކީ ވަކިވަގުތެއްގެ ކުރިން ނެރެން ޖެހޭ އެއްޗެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރެންޖެހޭ ކަމަށާއި، އުޒުރަކާއި ނުލާ ފިތުރު ޒަކާތް ނެރުން އީދު ނަމާދަށްފުރެ ފަސްކުރުމަކީ ހުއްދަކަމެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.

މިއަދުގެ ޚުތުބާގައިވަނީ ހެޔޮއަމަލުތަކުގައި ފަހު ދިހައިގެ ދުވަސްތައް ހޭދަކޮށް ލައިލަތުލްޤަދްރި ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފަ އެވެ.