އާސެނަލް ފުޓްބޯލް ކްލަބަށް ނިމިދިޔަ ސީޒަންގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ އިނގިރޭސި އެފްއޭކަޕްގެ ޓްރޮފީ ހިފައިގެން ނައިޖީރިއާއަށް އެ ކްލަބުގެ މެނޭޖްމަންޓް ގޮސްފިއެވެ.

ވެމްބްލީގައި މޭ 27 ވަނަ ދުވަހު ކުޅުނު 2017 ވަނަ އަހަރުގެ އެފްއޭކަޕް ފައިނަލްމެޗު އާސެނަލުން ކާމިޔާބުކުރީ ލަންޑަނުގެ ވާދަވެރިޔާ ޗެލްސީގެ މައްޗަށް 2-1 ލަނޑުން ކުރިހޯދައިގެންނެވެ.

ބުރާސްފަތި ދުވަހު އާސެނަލްގެ އޮފިޝަލުންގެ ޓީމެއް ވަނީ ނައިޖީރިއާގެ ވެރިރަށް ލާގޯސްގައި ހުންނަ އެމްޓީއެން ނައިޖީރިއާ ކޮމިއުނިކޭޝަންސް ލިމިޓެޑްގެ މައި އޮފީހަށް ޒިޔާރަތްކޮށްފައެވެ. އާސެނަލްގެ ވަފުދަށް މަރުހަބާ ދެންނެވީ، އެމްޓީއެންގެ ޗެއާމަން ޕަސްކަލް ޑޯޒީއެވެ.

ނައިޖީރިއާގެ އެމްޓީއެންގެ މައި އޮފީހުގައި އެ ކުންފުނީގެ ވެރިންނާއެކު އާސެނަލްގެ ބައެއް އޮފިޝަލުން، އެފްއޭ ކަޕް ޓްރޮފީ ހިފައިގެން -- ފޮޓޯ: ދަނެޓް

އާސެނަލްގެ އޮފިޝަލުންނާ ބައްދަލުކުރައްވައި، ޑޯޒީ ވަނީ، އެފްއޭ ކަޕް ކާމިޔާބުކޮށް އާސެނަލުން ހޯދި ފުރިހަމަ ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ.

"އެފަދަ އުނދަގޫ ސީޒަނެއްގައި އެފްއޭކަޕް ކާމިޔާބުކުރުމަކީ އަހަރެމެން އެކަން ފާހަގަކުރަން ޖެހޭ ސަބަބެއް،" ޑޯޒީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އާސެނަލްގެ މި ކާމިޔާބީއަކީ، ނައިޖީރިއާގައި ތިބި އެ ކްލަބުގެ އެންމެހައި ސަޕޯޓަރުންނާއި ކްލަބު ދެކެ ލޯބިވާ އެންމެހައި ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަަށެވެ. ހަމައެހެންމެ އެފްއޭ ކަޕް ޓްރޮފީ ނައިޖީރިއާއަށް ގެނައުމަކީ ކްލަބުން ސަޕޯޓަރުންނާމެދު ބަހައްޓާ ގާތްކަން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެފްއޭ ކަޕް ޓްރޮފީ ނައިޖީރިއާއަށް ގެނައުމުން ހާމަވެއްޖެ، ކްލަބުން ސަޕޯޓަރުންނަށް ދޭ އަހައްމިއްޔަތާއި، އެމްޓީއެން އާއެކު އޮތް ޕާޓްނަރޝިޕަށް ކުރާ އިހްތިރާމް،" އޭނާ ވިދާޅުވިއެވެ.

އާސެނަލްގެ ހެޑް އޮފް ޕާޓްނަރ ސާވިސަސް ގޯޑޮން ޓެނެކް ވިދާޅުވީ، ނައިޖީރިއާ ފަދަ އެ ކްލަބުގެ މިލިއަނަކަށްވުރެ ގިނަ ސަޕޯޓަރުން ދިރިއުޅޭތަނަކަށް އާދެވުމުން ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.