14 Jul 2011, 22:19
ރާއްޖޭގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ރޯދަމް ކްލިންޓަންއާ އެގައުމުގައި ބައްދަލުކުރައްވައިފި އެވެ.
މިއީ ރާއްޖޭގެ ފޮރިން މިނިސްޓަރަކު އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުފުޅެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ނުވަތަ ހާރިޖީ ވަޒީރާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނަނީ، ހިލަރީއާ ބައްދަލުކުރައްވައި ނަސީމު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަކުރުމަށް އެމެރިކާ ސަރުކާރުންވަމުންދާ އެހީތެރިކަމަށް ޝުކުރުއަދާ ކުރެއްވި ކަމަށެވެ. ރާއްޖޭގައި ޑިމޮކްސީ ގާއިމްކުރުމަށް ދިވެހި ސަރުކާރާ ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ހިލަރީ ތައުރީފް ކުރެއްވި ކަމަށް އެބަޔާނުގައިވެ އެވެ.
އެ ބައްދަލުވުމުގައި އދ. އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބް އަބުދުލް ޣަފޫރު މުހައްމަދާއި އޭނާގެ ނައިބު ތިލްމީޒާ ހުސައިން އާއި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު އަދި ސްޕެޝަލް އެންވޯއި ފޯ ސައިންސް އެންޑް ޓެކްނޮލޮޖީ އަހުމަދު މޫސާ ބައިވެރިވެވަޑައިގެންނެވި އެވެ.
އަދި ޓްރޭޑް އެންވޯއީ ކަމަށްވާ އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ މުހައްމަދާއި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު އާއި ޔޮޓްޓުއާސްގެ ޗެއާމަން އަބުދުﷲ ޖާބިރުވެސް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެޑައިގަތްތކަމަށް އެބަޔާނުގައި ބުނެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އެގައުމުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ އިތުރުން އެގައުމުގެ ސިވިލް ސޮސައިޓީއާއި ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.