16 Jun 2017, 10:29
ސްޕެއިންގެ ޓެކްސް އޮތޯރިޓީއަށް މަކަރުހެދިކަމަށް ބުނެ ކްރިސްޓިއާނޯ ރޮލާންޑޯގެ މައްޗަށް ތުހުމަތުކުރާ 14.7 މިލިއަން ޔޫރޯގެ ޓެކްސް މައްސަލައިގައި އިތުރަށް ވާހަކަ ނުދައްކައި ހަނުހުރުމަށް އޭނާ ނިންމައިފިއެެވެ.
ރެއާލް މެޑްރިޑްގެ ޕޯޗްގަލް ފޯވާޑްގެ މައްޗަށް ސްޕެއިންގެ ވެރިރަށުގެ ރީޖަނަލް ސްޓޭޓް ޕްރޮސިކިއުޓާ ވަނީ، ވާޖިން އައިލެންޑްސްގައި ޝެލް ކޮމްޕެނީއެއް ހަދައިގެން "އޭނާއަށް ލިބޭ ޖުމުލަ އާމްދަނީ ސްޕެއިންގެ ޓެކްސް އޮފީހަށް އޮޅުވާލުމަށްޓަކައި" މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ.
އެހެންނަމަވެސް ރޮނާލްޑޯގެ ވަކީލުން ވަނީ، އެމީހުންގެ މުވައްކިލަކީ ގަވައިދުން ޓެކްސް ދައްކަމުންދާ ފަރާތެއްކަމަށް ބުނެފައެވެ. މީގެ އިތުރުން ރޮނާލްޑޯގެ ކުށެއް ނެތްކަން ސާބިތުކުރުމަށް ރެއާލް މެޑްރިޑުންވެސް އޮތީ އޭނާއަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ތައްޔާރަށެވެ.
ރޮނާލްޑޯ ވަނީ ބުރާސްފަތި ދުވަހު، އޭނާގެ ފޮޓޯއަކާއެކު ސޯޝަލް މީޑިއާއަށް މެސެޖެއް ދޫކޮށްލައިފައެވެ. ދެ ތުންފަތް މަތީގައި ބާރާށް އިނގިލިއަޅައިގެން ހުރެ ނަގާފައިވާ ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި ލިޔެފައިވަނީ،" ހަނުހުރުމަކީ ބައެއްފަހަރު އެންމެ ރަނގަޅު ޖަވާބު،" ކަމަށެވެ.
ރޮނާލްޑޯ ބުރާސްފަތި ދުވަހު އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ފޮޓޯ--
ރޮނާލްޑޯ ވަނީ، ބުދަދުވަހު ޕޯޗްގީޒްގެ ފަރިތަކުރުންތައް ކުރިއަށް ދިޔަ ވަގުތުވެސް ހަމަ އެފަދަގޮތަކަށް ހަނުހުރުމުގެ އިޝާރާތެއް ކޮށްފައެވެ.
ހަތަރު ފަހަރު ބެލަންޑޯ އެވޯޑް ހާސިލްކޮށްފައިވާ، ހުނަރުވެރި ފޯވާޑް ވަނީ، ޕޯޗްގަލް ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ފަހު، ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުތަކާ ގުޅޭގޮތުން މީޑިއާއިން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެމުން، އޭނާ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނޭކަން ވަރަށް ސާބިތުކަމާއެކު ހާމަކޮށްފައެވެ.
މެޑްރިޑްގެ ސްޓޭޓް ޕްރޮސިކިއުޓަރ، ރޮނާލްޑޯގެ މައްޗަށް ތުހުމަތުކުރަނީ، އޭނާއަށް ލިބޭ އާމްދަނީގެ ބައެއް، ޓެކްސް އޮފީހަށް ފޮރުވުމަށްޓަކައި، އޯފްޝޯރ ކުންފުންޏެއް ރޮނާލްޑޯ ބޭނުންކޮށްފައިވާ ކަމަށެވެ.
ރޮނާލްޑޯގެ އޭޖެންޓް، ޖޯޖް މެންޑޭޒްގެ ސްޕޯޓްސް މެނޭޖްމަންޓް ކޮމްޕެނީ ކަމަށްވާ ޖެސްޓިފުޗީން ވަނީ، 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑަށް ރޮނާލްޑޯ ބަދަލުވި ދުވަސްވަރު އޭނާ އުފެއްދި "ޓޮލިން" ކުންފުންޏަކީ، އިނގިރޭސިވިލާތާއި އަދި ސްޕެއިންގައި ވެސް ޓެކުހާބެހޭ ހުރިހާ ގަވައިދުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ކުންފުންއްޏެއް ކަމަށް ބުނެފައެވެ.
ރޮނާލްޑޯ މިވަގުތުހުރީ، ހޮނިހިރުދުވަ ރަޝިއާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ވާދަކުރުމަށް ޕޯޗްގަލް ގައުމީ ޓީމާއެކު ރަޝިއާގައެވެ.