ވޯލްޑް ކަޕް ކޮލިފައިންގައި އީރާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެ ގައުމުގައި ގައުމީ ޓީމު ކޭމްޕް ކުރުމަށްޓަކައި އަންނަ އާދީއްތަ ދުވަހުގެ ރޭ ފުރަން އޮތް ދަތުރު ފަސްކޮށް ބުދަދުވަހުގެ ރޭ ފުރާގޮތަށް ހަމަޖައްސައިފި އެވެ.

ދަތުރާ ބެހޭގޮތުން މި ރޭ އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމްގެ ޓެކްނިކަލް ޑައިރެކްޓަރު މައުރޫފް އަހުމަދު )މާއްޓޭ( ވިދާޅުވީ، ކުރިން ފުރަން ހަމަޖެހެނު ތާރީހު މިހާރު ފަސްކޮށްފައިވާ ކަމަށާއި އެގޮތުން މިހާރު ފުރަން ހަމަޖެހިފައި ވަނީ މިމަހުގެ 20 ވާ ބުދަ ދުވަހުގެ ރޭ ކަމަށެވެ.

"މިއަދު މިގޮތައް މިހަމަޖެހުނީ ވެސް. ދަތިތަކެއް ދިމާވެގެން ކަމަށް ބުނެ އެ ގައުމުން އެކަން އެންގީ ވެސް މިއަދު. ކުއްލި ގޮތަކަށް،" މާއްޓޭ ބުންޏެވެ.

ޤައުމީ ޓީމްގެ މެނޭޖަރު އަލީވަހީދު )ބަލަކް( ވިދާޅުވީ، ޤައުމީ ޓީމްގެ ސްކޮޑްގައި މިވަގުތު ތިބީ 25 ކުޅުންތެރިން ކަމަށާއި އެހެންނަމަވެސް އިރާނަށްދާ ދަތުރުގައި ބައިވެރިވާނީ 20 ކުޅުން ތެރިންގެ ސްކޮޑެއް ކަމަށެވެ.

ޓީމްގެ ފުރުން ލަސްވި ކަމުގައި ވިޔަސް، ޓީމްގެ ކޯޗް ކްރިސިއާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އިރާނަށް ދަތުރުކުރާނެ ކަމަށާއި އެއީ އިރާނާ ދެކޮޅަށް މަޑަގަސްކަރަ ކުޅޭ މެޗް ބަލައިލުމަށް ކަމަށް ބަލަކް ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ ޤައުމީ ކޯޗް 16 ވަނަ ދުވަހުގެ ރޭ އީރާނަށް ދަތުރު ކުރާނެ. އެއީ އީރާނާ މަޑަގަސްކަރައާ ކުޅޭ މެޗް ބެލުމަށްޓަކައި. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ ކޯޗް މެޗް ބެލުމަށް ފަހު ހަމަ އެރޭ މާލެ އާދެވޭ ގޮތެއް ވޭތޯ. އޭގެ މާނައަކީ 17 ވަނަ ދުވަހު އިރާން މަޑަގަސްކަރައާއި ދެކޮޅަށް ކުޅޭ މެޗް ބެލުމަށް ފަހު އަނެއް ދުވަހު މާލޭގައި ގައުމީ ޓީމް ކުރާ ފަރިތަކުރުން ތަކުގައި ބައިވެރި ވެވޭނެ ގޮތަށް. ކޯޗް އިރާނަށް ކުރާ ދަތުރުގެ ވިސާ ވެސް ވަނީ ހަމަޖެހި ފެހި ސިގްނަލް ލިބިފައި،" ބަލަކް ވިދާޅުވިއެވެ.

ބަލަކް ވިދާޅުވީ، ކޯޗާއެކު 20 ވަނަ ދުވަހު ޤައުމީ ޓީމް އިރާނަށް ފުރާއިރު، ޓީމްގައި އެއްވެސް ކަހަލަ އަނިޔާގެ މައްސަލައެއް އަދި ކުރިމަތި ވެފައިނުވާ ކަމަށެވެ.

" 20 ކުޅުން ތެރިންގެ ސްކޮޑެއް އިރާނަށް ގޮސް، އެނބުރި މާލެ އަންނާނީ 25 ވަނަ ދުވަހުގެ ހެދުނު. އެއީ 23 ވަނަ ދުވަހު އިރާނާ ދެކޮޅަށް މެޗް ކުޅެފަ. އަދި 26 ވަނަ ދުވަހުގެ ރޭ މާލޭގައި ޤައުމީ ޓީމް ކޭމްޕްކުރާނެ . އެއީ 28 ވަނަ ދުވަހު މާލޭގައި ކުޅޭ ދެވަނަ މެޗަށް ތައްޔާރުވުމަށް،" ބަލަކް ވިދާޅުވި އެވެ.

ތޭވީސް ވަނަ ދުވަހު އިރާނާ ދެކޮޅަށް ކުޅުމަށް ޤައުމީ ޓީމް ފުރާއިރު، ޓީމުން ބާކީ ކުރާ ފަސް ކުޅުން ތެރިން އަލުން ޓީމާ ގުޅޭނީ ޓީމް އެނބުރި މާލެ އައުމުން ކަމަށް ވެސް ބަލަކް މިރޭ ވިދާޅުވި އެވެ.

އިރާނަށްދާނެ 20 ކުޅުންތެރިންގެ ސްކޮޑް އަދި މުޅިން ފައިނަލް ކޮށްފައި ނުވާއިރު އަންނަ ހޮނިހިރު ދުވަހު ސްކޮޑް އިއުލާން ކުރާނެ ކަމަށް ވެސް ބަލަކް ވަނީ ވިދާޅުވެފަ އެވެ.

ގައުމީ ޓީމު އީރާނަށް ދިއުމުގެ ކުރިން ކުވޭތުގައި ކޭމްޕްކުރާ ގޮތަށް ކުރިން ހަމަޖެއްސި އެވެ. އެކަމަކު މި ދުވަސްވަރު ކުވޭތުގެ ހޫނުމިން މަތިވާނެތީ އިރާނުގައި ކޭމްޕްކުރަން ނިންމީ އެވެ.

ގައުމީ ޓީމު ވަނީ އީރާން މެޗަށް ތައްޔާރުވުމަށް އާދީއްތަ ދުވަހުގެރޭ އިންޑިޔާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެ 1-1 އިން އެއްވަރުކޮށްފަ އެވެ. އެ މެޗަށް ފަހު ކުޅުންތެރިންނަށް އެއް ދުވަހުގެ ބްރޭކެއް ދިނުމަށް ފަހު މިހާރު އަލުން ވަނީ ޕްރެކްޓިސް ފަށާފަ އެވެ.