ގަލްފުގެ ގައުމުތަކުން ގަތަރާ ޚާރިޖީ ގުޅުންތައް ކަނޑާލައި، އެ ގައުމުތަކުގެ ވައިގެ ސަރަހައްދަށް ގަތަރުގެ ގައުމީ އެއާލައިނަށް ނުވަދެވޭ ގޮތަށް ބަންދުކުރި ނަމަވެސް މާ ބޮޑު ހުރަހެއް ކުރިމަތިނުވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

ޖޫން ފަސްވަނަ ދުވަހު ގަލްފުގެ ގައުމުތަކުން ގަތަރާ ގުޅުން ކަނޑައިލި އިރު، ގަތަރާ ޖެހިގެން އޮންނަ ސައުދީ އަރަބިއްޔާ، ބަހުރައިން އަދި ޔޫއޭއީއިން ވަނީ އެގައުމުތަކުގެ ވައިގެ ސަރަހައްދަށް ގަތަރުގެ އެއާލައިންތައް ވަނުން މަނާކޮށްފައެވެ. އެހެންކަމުން އެ ގައުމުތަކަށް ގަތަރު އެއާވޭސްގެ ފްލައިޓުތައް ވެސް ދަތުރުކުރުމަށް ހުރަސް އެޅުނެވެ.

ގަތަރުގެ ވަށައިގެންވާ ބޮޑު ސަރަހައްދެއްގެ ވައިގެ ސަރަހައްދު ކޮންޓްރޯލްކުރަނީ ޔޫއޭއީ، ބަހުރައިން އަދި ސައުދީންނެވެ. އެހެންކަމުން ގަތަރު އެއާވޭސްއިން ޖެހުނީ، ދަތުރުކުރަންޖެހޭ މަންޒިލުތަކަށް ދިއުމަށް އެގައުމުތައް ވަށާލައިގެން، ނުވަތަ އެހެން މަގަކުން ދަތުރުކުރާށެވެ.

ގަތަރުގެ ދޯހާއަކީ ދުނިޔޭގެ ހުޅަނގާއި އިރުމަތި ގުޅުވައިދޭ މައި ނާރެހެކެވެ. ގިނަ އެއާލައިންތަކެއް ދަތުރުކުރާ އިރު ދޯހާގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުގައި ޓްރާންސިޓުކުރެއެވެ.

ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރު އަލް ބަކުރު ----

ނަމަވެސް ގަތަރު އެއާވޭސްއިން އިއްޔެ ބުނި ގޮތުގައި، އެ އެއާލައިނުގެ ހުރިހާ ކަމެއް ކުރިޔަށްދަނީ ވަރަށް އޮމާންކަމާ އެކުގައެވެ.

އެ އެއާލައިނުން ބުނީ މިދިޔަ ހަފްތާގައި ދޯހާއިން، ދުނިޔޭގެ 150 މަންޒިލަކަށް 1،200 އަށް ވުރެ ގިނަ ފްލައިޓު އޮޕަރޭޓުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 90 ޕަސަންޓު ފްލައިޓުތައް ފުރާފައިވަނީ ތާވަލުކޮށްފައިވާ ވަގުތަށް ވުރެ 15 މިނިޓުވެސް ލަސްނުވެ ކަމަށެވެ.

ސައުދީ، ބަހުރައިން އަދި ޔޫއޭއީއަށް ދަތުރުކުރުން ގަތަރު އެއާވޭސްއަށް މަނާކުރުމުން އެ އެއާލައިނަށް 18 މަންޒިލެއް ވަނީ ގެއްލިފައެވެ. ނަމަވެސް ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރު އަލް ބަކުރު ވިދާޅުވީ އެ 18 މަންޒިލުގެ ބަދަލުގައި، ދުނިޔޭގެ އެހެން ދިމަދިމާލަށް ގަތަރު އެއާވޭސްއިން ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. ސީއީއޯ ބަކުރު ވިދާޅުވި ގޮތުގައި، މިއީ ކުންފުނީގެ "ޕްލޭން ބީ"އެވެ.

މި ހަފްތާގައި ގަތަރު އެއާވޭސްއިން ވަނީ އަޔަލެންޑްގެ ޑަބްލިންއަށް ދަތުރުތައް ކުރަން ފަށައިފައެވެ. އަންނަ ޖުލައި މަހު ފްރާންސްގެ ނީސްއަށް، އަދި މެސެޑޯނިއާގެ ސްކޯޕްޔޭއަށް ދަުތރުތައް ފަށާ އިރު، މިއަހަރުގެ ކުރިޔަށް އޮތް ދުވަސްތަކާއި އަންނަ އަހަރުވެސް ތަފާތު މަންޒިލުތަކަކަށް ގަތަރު އެއާވޭސް ދަތުރުތައް ފަށާނެއެވެ. އޭގެ ތެރޭގައި އެމެރިކާގެ ލަސް ވޭގަސް، އޮސްޓްރޭލިއާގެ ވެރިރަށް ކެންބެރާ، ކެމަރޫންގެ ޑުއާލާ، ގެބޮންގެ ލިބްރެވީލް، އިންޑޮނޭޝިއާގެ މެދާން، ބްރެޒިލްގެ ރިއޯ ޑެ ޖަނީރޯ، ޗިލީގެ ސެންޓިއާގޯ އަދި ބޮސްނިއާގެ ވެރިރަށް ސަރަޔޭވޯ ހިމެނެއެވެ.

"އެއާލައިނުގެ އޮޕަރޭޝަންތައް ވަރަށް އޮމާން. ބްލޮކޭޑްގެ ސަބަބުން މާ ބޮޑު އަސަރެއް ނުކުރޭ. އަޅުގަނޑުމެން ފޯކަސްކުރަނީ މިހަރުގެ ހަލަތުގައި ދަތިތައް ކުރިމަތިވެފައިވާ ފަސިންޖަރުންނަށް އެހީތެރިވެދީ، އަޅުގަނޑުމެންގެ ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް އެފަރާތްތަކަށް ޔަގީންކޮށްދިނުން،" ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރު އަލް ބަކުރު ވިދާޅުވިއެވެ.

މި ހަފްތާގައި ގަތަރު އެއާވޭސްއިން ވަނީ ނިމިދިޔަ މާލީ އަހަރުގެ އާމްދަނީއާއި ފައިދާގެ ހިސާބުތައް އާންމުކޮށްފައެވެ. ގަތަރު އެއާވޭސްއަށް މިދިޔަ އަހަރު 541 މިލިޔަން ޑޮލަރުގެ ފައިދާ ޖެހިފައިވާ އިރު، މިއީ އެ އެއާލައިނުގެ ތާރީޚުގައިވެސް ރިކޯޑު ފައިދާއެކެވެ. މީގެ އިތުރުން މިދިޔަ އަހަރާ އަޅާ ބަލާއިރު ގަތަރު އެއާވޭސްގެ ފަސިންޖަރުންގެ އަދަދު ވަނީ 20 ޕަސަންޓުން އިތުރުވެސް ވެފައެވެ.