އިނިގރޭސި ޕްރިމިއަރ ލީގުގެ ކްލަބު ސައުތުހެމްޓަންގެ ކޯޗުކަމުގައި ހުރި ކްލޫޑް ޕުއެލް އެ މަގާމުން ވަކިކޮށްފިއެވެ.

ފްރާންސަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ޕުއެލް ސައުތުހެމްޓަންގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުގެ ޖޫން މަހުއެވެ. އޭނާގެ އިރުޝާދުގެ ދަށުން، މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގުގައި ސަތުހެމްޓަން 16 މެޗުން ބަލިވި ނަމަވެސް އެޓީމުން ސީޒަން ނިންމައިލީ ލީގުގެ އަށްވަނައިގައެވެ.

ޕުއެލް ވަނީ، 2003 ވަނަ އަހަރަަށްފަހު ސައުތުހެމްޓަން ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ފައިނަލަށް ގެންގޮސްދީފައެވެ. އެގޮތުން ފެބްރުއަރީ މަހު ކުޅުނު ލީގު ކަޕް ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް ސައުތުހެމްޓަން ބަލިވީ 2-3 ލަނޑުންނެވެ.

"ކްލަބަށް އާ މެނޭޖްމަންޓް ޓީމެއް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް. ކްލަބުގެ ދުރުރާސްތާ ތަސައްވުރަށް ވާސިލް ވެވޭނޭ ފަދަ ރަނގަޅު ކޯޗަކު ހޯދޭނޭކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،" ސައުތުހެމްޓަންގެ ބަޔާނުގައިވެއެވެ.

"ސައުތުހެމްޓަންގެ އެންމެންގެ ފަރާތުން ފުއެލް ކުރި ބުރަމަސައްކަތް ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން."

ކުރިން މޮނާކޯއާއި ނީސްއަށް ކޯޗުކޮށްދިން ޕުއެލް ސައުތުހެމްޓަންގެ ކޯޗުކަމުން ވަކިކޮށްފައި މިވަނީ، އޭނާގެ ކުރީން އެ މަގާމުގައި ހުރި ރޮނާލްޑް ކޮއެމަން މަގާމުން ވަކިކުރިތާ ބަރާބަރު އެއް އަހަރު ފަހުންނެވެ. ކޮއެމަން މަގާމުން ވަކިކުރީ 14 ޖޫން 2016ގައެވެ.

ލީގުގެ ރަނގަޅު ހިސާބެއްގައި ސީޒަން ނިންމާލައި، ކާލިންކަޕްގެ ފައިނަލާ ހަމައަށް ކްލަބު ގެންގޮސްދިން ނަމަވެސް، ސީޒަން ނިިގެންދިޔައިރު، ކޯޗު ޕުއެލްއާ މެދު ސައުތުހެމްޓަންގެ ސަޕޯޓަރުން ތިބީ އެހާ ހިތްހަމަޖެހިފައެއް ނޫނެވެ.