ރިސޯޓް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ކުއްޔާއި އަދި މުއްދަތަށް ކުލި ނުދެއްކުމުން ކޮށްފައިވާ ޖޫރިމަނާގެ 25 ޕަސަންޓް، އަންނަ ބުދަ ދުވަހުގެ ކުރިން އެ ރިސޯޓްތައް ހިންގާ ފަރާތްތަކުން ނުދައްކައިފިނަމަ އެފަރާތްތަކަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ކުލި އަދި ޖޫރިމަނާ ދައްކަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 20 ވަނަ ދުވަސް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ހަލާސް ނުކޮށްފި ނަމަ މިނިސްޓްރީއަށް ލިބިގެންވާ އިހުތިޔާރުގެ ދަށުން އެ ރިސޯޓްތަކުގެ ހުއްދަ ހިފަހައްޓާނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން، އެ ރިސޯޓްތަކަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، ކުލި ނުވަތަ ކުލި ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާގެ ޖުމްލަ ފައިސާގެ މަދުވެގެން 25 ޕަސަންޓް ނުދައްކައިފިނަމަ އެވެ.

"މިގޮތުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް މައާފު ނުކުރެވޭނެ ކަމާއި، އެއް ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަރީހުގައި ]20 ޖުުލައި 2011[ ގައި ފައިސާ ނުދައްކައިފިނަމަ، އެތަނެއް ހިންގުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އާޓްސް އެންޑް ކަލްޗާ އިން ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން،" ޓޫރިޒަމުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ކުލި އާއި ޖޫރިމަނާގެ ބަކީ ފައިސާ ދެއްކުމުގެ މުއްދަތު ވަނީ ޖުލައި 12 އިން ފެށިގެން ތިން މަސް ދުވަހަށް އިތުރުކޮށްދީފަ އެވެ. އަދި އިތުރުކޮށްދީފައިވާ މުއްދަތުގެ ތެރޭ ފައިސާ ނުދައްކައިފިނަމަ "އެތަނެއްގެ މައްސަލަ ނިންމުމަށްޓަކައި" ފިނޭންސް މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ދިހަ ރިސޯޓަކުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް މިހާތަނަށް 20 މިލިއަން ޑޮލަރު ނުދައްކައި އެބަ އޮތް ކަމަށް ސަން އަށް އެނގިފައިވެ އެވެ. އޭގެ ތެރެއިން ނުވަ މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދަން ހަ ރިސޯޓެއްގެ މައްޗަށް ދައުވާކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( އިން ވަނީ ބުނެފަ އެވެ.