15 Jun 2017, 16:26
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރަން ޖެހޭ ފައިސާ ލިބިފައި ނުވާތީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކަންބޮޑުވުންފާޅުކޮށްފި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި ޖޭޕީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު މިއަދު "ސަން" އަށް ވިދާޅުވީ ފައިސާ ނުލިބޭތީ އެ ދެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ގުޅުމުން ފިނޭންސް މިނިސްޓްރީއަށް ފައިސާ ފޮނުވާފައިވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީއަށް އެކަމާ ގުޅޭ ގޮތުން ގުޅޭ ގޮތެއް ނުވި ކަމަށް އެ ދެ ބޭފުޅުން ވިދާޅުވި އެވެ.
އަނަސް ވިދާޅުވީ މިދިޔަ އަހަރުގެ ފައިސާ ވެސް ލިބުނީ އަހަރު ނިމެން ކައިރިވެފައި ވަނިކޮށް ކަމަށާއި ނަމަވެސް ގާނޫނު ބުނާ ގޮތުން ކޮންމެ އަހަރެއްގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފައިސާ ދޫކުރަން ޖެހޭ ކަމަށެވެ.
މި އަހަރުގެ ފައިސާ ލިބިފައިނުވާތީ ޕާޓީގެ ހިންގުމަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފައިސާ ނުލިބޭތީ ޕާޓީގެ ހިންގުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭ. ފައިސާ ނުލިބޭތީ އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީއަށް ގުޅުމަށް ތަކުރާރުކޮށް މަސައްކަތްކޮށްގެން ވެސް އެ މިނިސްޓްރީއަށް ގުޅޭނެ ގޮތެއް ވަނީ ނުވެފައި،" އަނަސް ވިދާޅުވި އެވެ.
ސަންއިން އިލެކްޝަންސްއާ ގުޅުމުން އިލެކްޝަންއިން ފުރިހަމަ ކުރަން ޖެހޭ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމަށް ފަހު ފިނޭންސް މިނިސްޓްރީއަށް ފައިސާ ދޫކުރުމަށް ފޮނުވާފައިވާނެ ކަމަށް އިލެކްޝަންގެ ސެކެޓްރީ ޖެނެރަލް އަހުމަދު އަލީ ވިދާޅުވި އެވެ.
ސަން އިން ވަނީ މިކަމުގައި ފިނޭންސް މިނިސްޓްރީގެ ބަހެއް ވެސް މިކަމުގައި ލިބޭތޯ ފަހުން ބަނީ މަސައްކަތް ކޮށްފަ އެވެ،
"ޕާޓީތަކަށް ފައިސާ ދޫކުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން،" ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އައިމަން ސަން އަށް ވިދާޅުވި އެވެ.