15 Jun 2017, 16:32
ސަން މީޑިއާ ގުރޫޕްގެ ފަރާތުން ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ހާއްސަ އެވޯޑެއް ތައާރަފްކޮށް، އެވޯޑްގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހަމަޖައްސައިފިއެވެ.
މޯލްޑިވްސް އެންޓަޓައިންމަންޓް އެވޯޑްގެ ނަމުގައި ސަން މީޑިއާ ގްރޫޕުން މިއަދު ތައާރަފްކުރި އެވޯޑަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އެ ކުރައްވާ މަސައްކަތުގެ އަގު ރަނގަޅު ފެންވަރުގައި ވަޒަން ކުރުމުގެ މަގްސަދުގައި ދޭން ނިންމާފައިވާ އެވޯޑެކެވެ.
އަދި އެ އެވޯޑް މިއަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ދިނުމަށް ވަނީ ނިންމާފަ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް އެންޓައިމެންޓް އެވޯޑްގެ ނަމުގައި ތައާރަފް ކުރި އެ އެވޯޑުގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސަން މީޑިއާ ގްރޫޕް އާއެކު ވަނީ މިއަދު އެމްއޯޔޫ އެއްގައި ސޮއި ކޮށްފައެވެ.
އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު މާކެޓިން އެންޑް އީކޮމާރސް އިބްރާހިމް ނަސްރީނެވެ. ސަން މީޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ މީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސަރ (ސީއޯއޯ) މިންހާ ފާއިޒެވެ.
އެވޯޑްއާ ގުޅޭގޮތުން ސަން މީޑިއާގެ ސީއޯއޯ މިންހާ ވިދާޅުވީ، މިފަދަ އެވޯޑެއް ތައާރަފް ކުރުމުގެ ބޭނުމަކީ ރާއްޖޭގައި މުނިފޫހިފިލުވުމަށް ހާއްސަ އެވޯޑެއް ނެތުމުން، އެ ދާއިރާ އަށާއި ދާއިރާގައި މަސައްކަތްކުރާ ފަންނާނުންގެ ކުރިއެރުން ފާހަގަކުރުން ކަމަށެވެ.
އަދި ވިސްނުން ހުރީ އެވޯޑް ވީހާވެސް ފުޅާ ދާއިރާއެއްގައި ގެންދިއުމަށްކަމަށް އޭނާ ވިދާޅުވިއެވެ.
މުނިފޫހިފިލުވުމުގެ ދާއިރާގެ ކުރިއެރުމަށް ޕީއެސްއެމްގެ ފަރާތުން ގިނަ ކަންތައްތަކެއް ކުރަމުން ގެންދާކަން ފާހަގަކުރައްވާ ނަސްރީން ވިދާޅުވީ، ޕީއެސްއެމްގެ އިސްވެރިންގެ ވިސްނުންފުޅަކީ ވެސް ރާއްޖޭގެ ހުރިހާ މީޑިއާތަކެއް ގުޅިގެން ރާއްޖޭގެ ތަރައްގީ އާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރާ ހުރިހާ ކަމެއްގައި އެއްބާރުލުން ދިނުން ކަމަށެވެ.
"އެންޓަޓައިންމަންޓް އިންޑަސްޓްރީގައި އަދި އެންޓަޓައިންމަންޓް ދާއިރާގައި ތިބި ބޭފުޅުން އިތުރަށް ކުރިއެރުމަށްޓަކާ މިފަދަ ކަމެއް ސަން މީޑިއާގެ ފަރާތުން އިނީޝިއޭޓް ނަގައިގެން ކުރާތީވެ ޕީއެސްއެމްގެ މަގްސަދަކީވީ މީގެ އެންމެ ކުރީގައި ސަން މީޑިއާގެ ބޭފުޅުންނާ ގުޅިގެން މަސައްކަތްކުރުން،" ނަސްރީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސަން މީޑިއާއެއް ނޫން އެހެން މީޑިއާތަކާ ގުޅިގެން ވެސް މަސައްކަތްކުރުމަށް ޕީއެސްއެމުން ތައްޔާރަށް އޮތް ކަމަށެވެ.