15 Jun 2017, 14:26
އަންނަ ހޮނިހިރު ދުވަހު ފަށާ ކޮންފެޑްރޭޝަން ކަޕްގެ ފުރަތަމަ މެޗު "ކިކް-އޮފް" ކުރަން ބޭނުން ކުރާ ބޯޅަ ހޯދުމުގެ ފުރުޞަތު ފުޓްބޯޅައަށް ލޯބިކުރާ ސަޕޯޓަރުންނަށް ފީފާ އިން ހުޅުވާލައިފި އެވެ.
ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ރަޝިއާއާ ނިއުޒިލެންޑް ވާދަކުރާ އިރު އެ މެޗުގައި ބޭނުންކުރާ "އެޑިޑާސް ކްރަސަވާ" ބޯޅަ ނަސީބުގަދަ އެއް ފަރާތަކަށް ދިނުމަށް ފީފާ އިން ވަނީ ނިންމައިފަ އެވެ.
ކޮންފެޑްރޭޝަން ކަޕް ހުޅުވާބޯޅަ ބޭނުންވާކަމަށްވާ ނަމަ ހަދަން ޖެހޭ ގޮތަކީ ފީފާ އިން ކޮންފެޑްރޭޝަން ކަޕާއި ދިމާކޮށް ހަދާފައިވާ ފޭސްބުކް ޕޭޖަށް ދިޔުމަށް ފަހު މާދަމާ އެ ޕޭޖުގައި ފީފާ އިން ޕޯސްޓް ކުރާ ސުވާލަށް ޖަވާބު ދިނުމެވެ. ސުވާލަށް ޖަވާބު ދިނުމުގެ ފުރުޞަތު ސުވާލް ޕޯސްޓް ކުރާ ހިސާބުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ 00:00 އާއި ހަމައަށް ހުޅުވާލާގޮތައް ވަނީ ހަމަޖެހިފަ އެވެ.
ރަނގަޅު ޖަވާބުދޭ މީހުންގެ މެދުގައި ގުރުއަތުލުން ބާއްވަން ހަމަޖެހިފައިވާ އިރު ފީފާ ވެބްސައިޓްގައި ބުނެފައި ވަނީ ކޮންމެ މީހަކަށް ވެސް ދެވޭނީ އެއް ޖަވާބު ކަމަށާއި އެއް ޖަވާބަށް ވުރެ ގިނަ ޖަވާބުދީފި ނަމަ އެމީހަކު ޑިސްކޮލިފައިވާނެ ކަމަށެވެ.
ކޮންފެޑްރޭޝަން ކަޕް އަންނަ ހޮނިހިރު ދުވަހު ފަށާއިރު އެ މުބާރާތުގައި ވާދަކުރަނީ ދުނިޔޭގެ އެކި ބައްރު ތަކުގެ ޗެމްޕިއަނުންނާއި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި އަދި ވޯލްޑްކަޕް ބާއްވާ ގައުމުގެ ހައިސިއްޔަތުން ރަޝިއާ ވާދަކުރާނެ އެވެ.