14 Jul 2011, 19:59
ދެ ފައިވާން ޖޯޑުގެ ތެރޭ މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރި ބަންގުލަދޭޝް މީހަކު ކަސްޓަމްސް އިން ހިފަހައްޓައި، ފުލުހުންނާ ހަވާލުކޮށްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް ކަސްޓަމްސް އޮފިސާ ހުސެއިން ޝާޒް މިއަދު ވިދާޅުވީ، އެ މަސްތުވާތަކެތި ފެނުނީ ޖޫން 30 ވަނަ ދުވަހުގެރޭ ބަންގްލަދޭޝްގެ ޑާކާއިން ފުރައިގެން މެލޭޝިއާ މަގުން ރާއްޖެ އައި މެލޭޝިޔަން އެއާލައިންސްގެ ފްލައިޓުން އައި އުމުރުން 42 އަހަރުގެ ފަރީދުއްދީން ނަމަކަށް ކިޔާ މީހެއްގެ ފޮށި ތަންމަތި ޗެކުކުރި އިރު ކަމަށެވެ.
އޭނާ ގެނައި ޕާރުސަލެއްގެ ތެރޭ އޮތް ދެ ފައިވާން ޖޯޑުގެ ތެރެއިން ފެނުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމަށް ވެސް ޝާޒު ވިދާޅުވި އެވެ. އެ އެއްޗެހީގެ ބަރުދަނުގައި ޕެކިނާއެކު 340 ގުރާމް ހުއްޓެވެ.
ކަސްޓަމްސް އޮފިސަރު ވިދާޅުވި ގޮތުގައި، މިއީ އެމީހާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އަދި އޭނާގެ އަތުން ފޯޖުކޮށްފައިވާ ނުވަތަ ވަގު އެމްޕްލޯއިމެންޓް ޑޮކިއުމެންޓެއް ފެނިފައިވާ ކަމަށް ވެސް ޝާޒް ވިދާޅުވި އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އެ މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލު ކޮށްފަ އެވެ.
ޝާޒް ވިދާޅުވީ ފަހަކަށް އައިސް ބަންގުލަދޭޝުން އަންނަ މީހުންގެ އަތުން ރާއްޖެ އަށް ބަނގުރަލާ މަސްތުވާތަކެތި އެތެރެ ކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިއީ ބަންގުލަދޭޝްގެ ނެޓްވޯކަކުން ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށް ވެސް ޝާޒް ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް 3.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.