15 Jun 2017, 13:28
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް ކުޅޭ މެޗުން މާލޭ ލީގު އަންނަ ބުރާސްފަތި ދުވަހު ފަށާގޮތައް ހަމަޖައްސައިފިއެވެ.
މި މަހުގެ 22 ވާ ބުރާސްފަތި ދުވަހު ލީގު ފަށާއިރު މާލޭ ލީގު މެދު ކަނޑާލީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ގްރީން ސްޓްރީޓާއި ނިއުރޭޑިންޓް ބައްދަލުކުރި މެޗުންނެވެ.
މާލޭ ލީގު މިދިޔަ މަހު މެދު ކަނޑާލީ އޭއެފްސީ ކަޕްގައި ވާދަކުރާ މާޒިޔާ ޓީމަށް އެ މުބާރަތުގައި ކުޅެންޖެހޭ މުހިއްމު މެޗުތަކެއް ހުރުމުންނާއި މި މަހުގެ 13 ވަނަ ދުވަހު ބޫޓަނާ ދެކޮޅަށް ރާއްޖެ އޭޝިއަންކަޕް ކޮލިފައިންގައި ކުޅޭ މެޗަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
އަލުން ލީގު ފަށާއިރު ތާވަލްގެ އެންމެ ކުރީގައި އޮތީ މާޒިޔާއެވެ. ދެވަނާގައި ނިއުރޭޑިއަންޓް އޮތް އިރު ތިންވަނާގައި އޮތީ މި އަހަރު އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ގްރީން ސްޓްރީޓެވެ. ހަތަރު ވަނާގައި ޓީސީ އޮތް އިރު ވިކްޓްރީ އޮތީ ފަސްވަނާގައެވެ. ތާވަލްގެ ހަވަނަ އަށް ބަލާއިރު ހަވަނަ ލިބެނީ އީގަލްސްއަށެވެ. ހަތްވަނާގައި ޔުނައިޓެޑް ވިކްޓަރީ އޮތްއިރު އަށް ވަނާގައި އޮތީ ވެލެންސިއާއެވެ.