ސިންގަޕޫރު (ޖޫން 5): ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޮންގްގެ ވެރިކަމާ މެދު އިތުބާރު ނެތް ކަމަށް އޭނާގެ ދެ ކޮއްކޯފުޅު ވިދާޅުވެއްޖެ އެވެ.

ލީގެ ދެ ކޮއްކޯފުޅު، ލީ ސިއެން ޔަންގް އާއި ލީ ވެއި ލިންގް ނެރުނު ބަޔާނެއްގައިވާ ގޮތުން ބޮޑުވަޒީރު ލީ ވަނީ އެބޭފުޅުންގެ ބައްޕާފުޅު އަދި ސިންގަޕޫރުގެ ކުރީގެ ބޮޑުވަޒީރު ލީ ކުއަން ޔޫގެ ވަސިއްޔަތުގައި އެދިވަޑާއިގެންފާ ކަންތައްތައް ފުރިހަމަ ކުރައްވަން ދެކޮޅު ހައްދަވާފަ އެވެ.

އެ ދެ ބޭފުޅުން ވިދާޅުވި ގޮތުގައި ބައްޕާފުޅު ވަސިއްޔަތް ކުރެއްވީ އޭނާ އަވަހާރަވުމުން އޭނާގެ ގެކޮޅު ހަލާކުކޮށްލުމަށެވެ. ނަމަވެސް ބޮޑުވަޒީރު ލީ މަސައްކަތް ކުރައްވަނީ އެ ގެ ޒިޔާރަތަކަށް ހެއްދެވުމަށެވެ.

މީގެ ކުރިން ބޮޑުވަޒީރު ލީ ވަނީ އެގެއާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ ނިންމުންތަކުން ދުރަށް ޖެހިވަޑައިގަންނަވާނެ ކަމަށާއި ބައްޕާފުޅުގެ ވަސިއްޔަތަށް ހުރުމަތްތެރިކޮށް ހިއްތަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސިންގަޕޫރުގެ ކުރީގެ ބޮޑުވަޒީރު ލީ ކުއަން ޔޫ (ވ)، ދަރިކަނބަލުން ލީ ވެއި ލިންގް އަދި ދަރިކަލުން ލީ ސިއެން ޔަންގް (ކ) -- ފޮޓޯ: ރޮއިޓާސް

ނަމަވެސް ބޮޑުވަޒީރު ލީގެ ދެ ކޮއްކޯފުޅު ވިދާޅުވި ގޮތުގައި ބޮޑުވަޒީރު އަމަލު ކުރައްވަނީ އޭނާ ވިދާޅުވި ގޮތާ އެއްގޮތަކަށް ނޫނެވެ. އަދި ބޮޑުވަޒީރު ގެންދަވަނީ އަމިއްލަ ފައިދާއަށް ޓަކައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވަމުން ކަމަށާއި، އޭނާއާ ދެކޮޅަށް އެފަދަ ހިޔާލު ފާޅު ކުރުމުގެ ސަބަބުން އެދެ ބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އަޅާފާނެ ކަމުގެ ބިރު އިހުސާސުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެތުހުމަތުތަކަށް އެދެ ބޭފުޅުން އެއްވެސް ހެއްކެއް ނުދައްކަވަ އެވެ.

އެބަޔާން ނެރުނު އިރު ބޭރު ގައުމެއްގައި ޗުއްޓީ ހޭދަ ކުރައްވަން ހުންނެވި ބޮޑުވަޒީރު ލީ ވަނީ އޭނާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވައި، އޭނާގެ ދެ ކޮއްކޯފުޅު އާއިލީ މައްސަލަތައް ފާޅު ކުރުމުން ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމަށް ވަޑައިގަތުމަށް ފަހު އެމައްސަލަ އިތުރަށް ބައްލަވާނެ ކަމަށް ބޮޑުވަޒީރު ލީ ވިދާޅުވި އެވެ.

ސިންގަޕޫރުގެ އޭވިއޭޝަން އޮތޯރިޓީގެ ޗެއާމަން ކަމުގައި މިވަގުތު ހުންނެވި ލީ ސިއެން ޔަންގް ވަނީ އޭނާ ވަރަށް އަވަހަށް ސިންގަޕޫރު ދޫކުރައްވައި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސިންގަޕޫރުގެ ވެރިކަން ކުރާ އާއިލާގެ މެދުގައި ޖެހިފައިވާ މައްސަލައާ ގުޅިގެން އެގައުމުގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. އެގޮތުން ބައެއް ފަރާތްތަކުން ބޮޑުވަޒީރު ލީއަށް ތާއިދު ކުރާ އިރު އޭނާގެ ދެ ކޮއްކޯފުޅަށް ވެސް އެހެން ފަރާތްތަކުން ތާއިދު ކުރެ އެވެ. (ބީބީސީ)