ވޮޝިންޓަން (ޖޫން 15): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންސާފަށް ހުރަސް އެޅިތޯ ބަލަން ތަހުގީގެއް ފަށާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ.

އެނޫހުގައިވާ ގޮތުން އެތަހުގީގު ކުރިއަށް ގެންދަވާނީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިއާ އިން ނުފޫޒު ފޯރުވިތޯ ބަލަން ކުރިއަށްގެންދާ ތަހުގީގުގައި އިސްކޮށް ހުންނަވާ އެފްބީއައިގެ ކުރީގެ ވެރިޔާ ރޮބަޓް މުއެލާ އެވެ.

ނަން ހާމަ ކުރަން ބޭނުންނުވާ އޮފިޝަލުންނާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުގައިވާ ގޮތުން ނެޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރު ޑޭނިއެލް ކޯޓްސް އާއި ނެޝަނަލް ސެކިއުރިޓީ އޭޖެންސީގެ ވެރިޔާ މައިކް ރޯޖާސް އާއި ރޯޖާސްގެ ކުރީގެ ޑެޕިއުޓީ، ރިޗާޑް ލެގެޓް ވަނީ އެތަހުގީގަށް އެއްބާރުލުން ދެއްވަން އެއްބަސްވެފަ އެވެ.

އެއޮފިޝަލުން ވިދާޅުވި ގޮތުގައި ޓްރަމްޕް އިންސާފަށް ހުރަސް އެޅިތޯ ބަލަން ތަހުގީގެއް ފެށީ މިދިޔަ މޭ މަހު އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމީ މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ. ކޯމީ ވަނީ ޓްރަމްޕްގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ފްލިންއާ ރަޝިއާއާ ގުޅުން އޮތްތޯ ބަލަން އެފްބީއައި އިން ކުރިއަށް ގެންދާ ތަހުގީގު ހުއްޓާލަން ޓްރަމްޕް އެދިވަޑައިގަތް ކަމަށް ވިދާޅުވެފަ އެވެ.

ފްލިން މަގާމުން ވަކިކުރީ އޭނާ ސަރުކާރުގެ މަގާމަކަށް އައްޔަން ކުރުމުގެ ކުރިން، އެމެރިކާ އިން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން ރަޝިއާގެ ސަފީރާ ވާހަކަ ދެއްކެވިކަން ހާމަވުމާ ގުޅިގެންނެވެ. އެމެރިކާގެ އާއްމު ރައްޔިތުން ބޭރު ގައުމުތަކުގެ ސަރުކާރުތަކާ ބައްދަލުކޮށް، ސިޔާސީ ވާހަކަތައް ދެއްކުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެކެވެ.

ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓާ ބެހޭ ގޮތުން ރައީސް ޓްރަމްޕް އަދި އެއްވެސް އެއްޗެކޭ ވިދާޅުވެފައި ނުވެ އެވެ. (ބީބީސީ)