ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި ސަލްމާން ޚާންގެ ކާމިޔާބު ފިލްމު، 'ކިކް'ގެ ދެވަނަ ބައިގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.

'ކިކް' އަކީ ސާޖިދު ނަދިއަޑްވާލާގެ ފުރަތަމަ ޑައިރެކްޝަނެވެ. ޚަބަރުތައް ބުނާ ގޮތުން ސާޖިދު 'ކިކް 2'ގެ ސްކްރިޕްޓުގެ މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި އަންނަ މަހުގެ ތެރޭގައި ސަލްމާނާ ސްކްރިޕޓު ހިއްސާ ކުރާނެ ކަމަށްވެ އެވެ.

ރިޕޯޓުތައް ބުނާގޮތުން ފިލްމު ރިލީޒް ކުރާނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

'ކިކް 2' އަކީ ފުރަތަމަ ފިލްމުގެ ސީކުއެލް އަކަށް ވާއިރު، ދެވަނަ ބައި ކުރިއަށް ގެންދާނީ ފުރަތަމަ ފިލްމު ނިމުނު ހިސާބުންނެވެ.

'ކިކް 2'ގައި ސަލްމާން އާ އެކު އިންޓަނޭޝަނަލް ފަންނާނެއް ފެނިގެން ދާނެ ކަން ކަށަވަރުކޮށްދީފައިވާ އިރު، ފުރަތަމަ ފިލްމުން ފެނިގެން ދިޔަ ރަންދީޕް ހޫޑާ އަދި ޖެކްލީން ފާނަންޑޭޒް ފެނިގެންދާނެ ކަން ޔަގީނެއް ނޫނެވެ.

ފިލްމުގައި ވަރަށް ގިނަ އެކްޝަން މަންޒަރުތަކާއި ސްޓަންޓުތައް ހިމެނޭނެ އެވެ.