14 Jul 2011, 18:41
އެއް ފުލައިޓަކުން ރާއްޖެ އައި ބަންގުލަދޭޝްގެ ދެ މީހަކު ދެ ފޮށިގަނޑެއްގައި ބަންދުކޮށްގެން ރާއްޖެ އެތެރެ ކުރަން އުޅުނު އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން އަތުލައިގެންފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް ކަސްޓަމްސް އޮފިސާ ހުސެއިން ޝާޒް މިއަދު ވިދާޅުވީ، މަސްތުވާތަކެތި ފެނިފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ޑާކާއިން ފުރައިގެން ކޮލޮމްބޯ މަގުން ރާއްޖެ އައި މިހިން ލަންކާއިން އައި ބަންގްލަދޭޝްގެ ދެމީހެއް އަތުން ކަމަށެވެ.
އޭގެ ތެރެއިން ދެލްވަރު ހޮޝެއިން،24، ގެނައި ފޮށިގަނޑެއް ޗެކްކުރިއިރު، ފޮރުވައިފަހުރި ކެނަބިސް ފަތްތަކެއް ފެނިފައިވެ އެވެ. އެ އެއްޗެހީގެ ބަރުދަނުގައި ޕެކިނާއެކު 1.683 ކިލޯ ހުރި ކަމަށް ކަސްޓަމްސް އޮފިސަރު ވިދާޅުވި އެވެ.
ޝާޒް ވިދާޅުވީ 2009 އަހަރުން ފެށިގެން މާލޭގައި މަސައްކަތް ކުރަން އުޅޭ އެމީހާއާ ސުވާލު ކުރުމުން އެ ފޮށިގަނޑަކީ އޭނާގެ ރައްޓެހި ބަންގްލަދޭޝް މީހަކު މާލޭގައި ހުރި އެމީހާގެ ބޭބެއަކާ ހަވާލު ކުރަން ދިން ފޮށިގަނޑެއް ކަމަށް ބުނެފައިވާ ކަމަށެވެ.
ބާކީ މަސްތުވާތަކެތި ފެނިފައިވަނީ އެ ފްލައިންޓުން އައި ބަންގްލަދޭޝްގެ ޝަވްކަތު އަލީ،28، ގެ ފޮށިތަންމަތި ޗެކުކުރިއިރެވެ. އޭނާ ގެނައި ފޮށިގަނޑެއްގެ ތެރެއިން ޕެކިނާއެކު 60.18 ގްރާމްގެ ކެނަބިސް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި އޭނާ އާ ސުވާލު ކުރުމުން، އެ ތަކެއްޗަކީ ބަންގުލަދޭޝްގައި އުޅޭ އެނާގެ ރައްޓެއްސަކު އޭނަގެ ބޭބެ އާ ހަވާލުކޮށްދިނުމަށް ދިން ފޮށިގަނޑެއް ކަމަށް ބުނެފައިވާ ކަމަށް ކަސްޓަމް އޮފިސާ ޝާޒް ވިދާޅުވި އެވެ.
ޝާޒް ވިދާޅުވި ގޮތުގައި، ޝަވުކަތަކީ 2008 ވަނަ އަހަރުން ފެށިގެން މާލޭގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ.
މި ދެ މައްސަލައިގައި ވެސް ކަން ހިނގާފައި ވަނީ ދާދި އެއްގޮތަށް ނަމަވެސް އެ ދެމީހުންނަކީ އެކަކު އަނެކަކާ ގުޅުމެއް ހުރި މީހެއް ނޫން ކަމަށް ޝާޒް ވިދާޅުވި އެވެ.
އަދި އެ އެއްޗެހި އެމީހުން ރާއްޖެ އެތެރެ ކޮށްފައި ވަނީ އެއީ ކޮން އެއްޗިއްސެއް ކަން ނޭނގި ކަމަށް އެދެ މީހުން ވެސް ބުނާ ކަމަށް ޝާޒް ވިދާޅުވި އެވެ.
"ގިނަ ފަހަރު ވާ ގޮތަކީ ވަރަށް ވަގުތު ކުޑަ ތަންވެފައި ހުއްޓާ މިފަދަ އެ އެއްޗެހި މި ހަވާލު ކުރަނީ. އިތުބާރު އޮންނަ މީހެއް ވީމަ ހަވާލުވަނީ. މާލެ އައިމާ އެމީހަކާ ދިމާވާނެ ކަމަށް ބުނެ. ގިނަ ފަހަރަށް އެއީ ކާކާހަވާލު ކުރަން ދިން އެއްޗެއް ކަމެއް ވެސް ނޭނގޭ،" ޝާޒް ވިދާޅުވި އެވެ.