19:00


ފިލިޕީންސްގެ މުންޓިލޫޕާ ސިޓީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިއްޖެ އެވެ.


ފިލިޕީންސްގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔަކު މައުލޫމާތުދިން ގޮތުގައި މުންޓިލޫޕާ ސިޓީގެ ތެރެއަށް އިއްޔެ ފެތުރިގެން ދިޔަ އެއަލިފާންގަނޑު އެއްކޮށް ނިއްވާލެއްވުނީ ގާތްގަނޑަކަށް އަށް ގަޑިއިރުގެ މަސައްކަތުންނެވެ. އަދި މިހާތަނަށް އެއްވެސް މީހަކު ޒަޚަމްވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ގިނަ އިމާރާތްތައް އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށް ވެސް އޭނާ ބުނެ އެވެ.


މައުލޫމާތު ލިބޭ ގޮތުގައި މިހާދިސާގައި ގެދޮރު ގެއްލުނު މީހުން މިހާރު ވަނީ އެސަހަރުގެ އިވަކުއޭޝަން ސެންޓަރަކަށް ބަދަލުކުރެވިފަ އެވެ. އަދި މިހާދިސާ ހިނގަން ޖެހުނު ސަބަބެއް ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުން އެވެ.


މިހާދިސާގައި ގެދޮރު ގެއްލުނު ބައެއް މީހުން މީޑިއާއާ ވާހަކަދައްކަމުން ބުނެފައިވަނީ މިހާދިސާގެ ސަބަބުން އެމީހުންގެ އަންނައުނު ގެއްލި ކާބޯތަކެތި ލިބޭނެ ގޮތެއް ނެތިފައިވާ ކަމަށާއި އެގައުމުގައި އަލަށް އިންތިޚާބުކުރެވިފައިވާ ރައީސް ބެނައިނޯ ނޮއިނޮއި އަކުއިނޯ އެމީހުންނަށް އެހީތެރިވެދެއްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.


ފިލިޕީންސްގެ މުންޓިލޫޕާ ސިޓީ ހިމެނޭ ސަރަހައްދަކީ މިފަދަ އަލިފާނުގެ ހާދިސާތައް ހިނގުން އާންމު ސަރަހައްދެކެވެ. އެސަރަހައްދުގައި ހިމެނޭ އެހެން ސަހަރެއް ކަމަށްވާ ކުއިޒޯން ސިޓީގައި ވެސް މިދިޔަ މަހު ވަނީ މިފަދަ އަލިފާނުގެ ހާދިސާއެއް ހިނގައި ގިނަ ބައެއްގެ ގެދޮރު ގެއްލިފަ އެވެ.