14 Jun 2017, 16:16
ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކުރި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ބަންދުން ދޫކޮށްލައިފިއެވެ.
އާޒިމްގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު މިއަދު "ސަން" އަށް ވިދާޅުވީ އޭނާ ދޫކޮށްލީ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުނުކޮށް ކަމަށެވެ.
އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަނީ ތަހުގީގަށް ބޭނުންވާ ސުވާލުތައްކޮށް ބަޔާންވެސް ނަގައި ނިމިފައިވާތީ ކަމަށް ފުލުހުން ބުނި ކަމަށް ނޫރު ވިދާޅުވިއެވެ.
ނޫރު ވިދާޅުވީ އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި އެ އޮފީހާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މިއަދު ބުނި ކަމަށެވެ.
ފުލުހުންގެ ތަހުގީގުން އާޒިމާ ސުވާލުކޮށްފައި ވަނީ ސަންގު ޓީވީން މިދިޔަ ބުދަ ދުވަހު ދެއްކި "ޚަބަރަށްފަހު" ޕްރޮގްރާމުގައި އޭނާ ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ކަމަށެވެ.
މި މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހައްޔަރުކުރުމަށްފަހު ޖެހިގެން އައި ދުވަހު ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އަމުރުކުރީ ހަ ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށެވެ.
ހައްޔަރުކުރަން ބޭނުންވާ ސަބަބެއްގެ ގޮތުގައި އޭނާ ހައްޔަރުކުރަން ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ ގާނޫނީގޮތުން ރާއްޖޭގައި އުފެދިފައިވާ ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލުކުރަން ހިތްވަރުލިބޭފަދަގޮތަށް އޭނާ ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ޝަރުއީ ނިޒާމާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދައި އިތުބާރު ގެއްލުވާލަން މަސައްކަތްކޮށް، ދޮގު މައުލޫމާތު ފަތުރައި ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
އެ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވަން މަސައްކަތްކޮށްފާނެ ކަމަށް ފެންނަ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
އާޒިމް މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމަކީ އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ވެސް އެ އަމުރުގައިވެއެވެ.
އެ އަމުރުގައިވާގޮތުން އާޒިމާ ދެކޮޅަށް ލިބިފައިވާ ހެއްކަކީ އިންޓެލިޖެންސް ރިޕޯޓެކެވެ.
އާޒިމަކީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކޮއްކޮއެވެ.