14 Jun 2017, 16:12
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ)އިން ވަޒީފާތަކަށް ޒުވާނުން އަހުލުވެރި ކުރުވައި ތަމްރީން ދިނުމުގެ ގޮތުން 1000 ފޮޓޮގްރާފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޓިވެޓް އޮތޯރިޓީން މީގެ ކުރިން ވެސް ވަނީ ފޮޓޮގްރާފަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ހިންގާފައެވެ. މީގެ ކުރިން ވަނީ ތިން ބެޗެއްގެ ދަށުން ޖުމްލަ 392 ކުދިން ފޮޓޮގްރަފީ ޕްރޮގަރާމްތައް ނިންމައިފައިވާއިރު މިހާރުވެސް ލެވެލް ތިނެއްގެ ޕްރޮގްރާމްގައި 156 ކުދިން އަދި ލެވެލް ހަތަރެއްގައި 236 ކުދިން ދަނީ ކިޔަވަމުންނެވެ. އަދި ލެވެލް ތިނެއް ނިންމާ ކުދިންނަށް ލެވެލް ހަތަރެއްގައި ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
1000 ފޮޓޯގްރަފަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޓިވެޓް އޮތޯރިޓީން ވަނީ އެ ޕްރޮގަރާމްގައި ކިޔަވަމުންދާ ކުދިންނަށް ޕްރެކްޓިކަލް ބައިގައި އަދި އާމްދަނީ ހޯދުމުގެ މަސައްކަތުގައި ބޭނުންކުރުމަށް "ނިކޯން 3400"ގެ ކެމެރާއެއް ބައިވެރިންނަށް ދިނުމަށް ހަމަޖައްސާފައެވެ. އެ ކެމެރާތަކުގެ އަގު ކަމަށްވާ 8000 ރުފިޔާ ވަނީ ކޯސް ފުރިހަމަކުރުމަށަފަހު އެއް އަހަރު ދުވަހަށް ބަހައިލައިގެން، މަހަކު 667 ރުފިޔާ ދައްކާ ނިންމަން ޖެހެެއެވެ.
ފާއިތުވެގެން ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޓިވެޓް އޮތޯރިޓީން ވަނީ ޒުވާން ވަޒީފާތަކަށް އަހުލުވެރި ކުރުވުމުގެ ދަށުން 8500 ޒުވާނުންނަށް ވަނީ ތަފާތު އެކި ޕްރޮގްރާމްގެ ދަށުން ތަމްރީން ކޮށްފައެވެ.