ދޫނިދޫ ޖަލަށް ޒިޔާރަތްކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަރޫފުގެ ހާލަތު ބަލައިދިނުމަށް އޭނާގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގައި އެދިއްޖެ އެވެ.

ސިރާޖު މިއަދު ހިއުމަން ރައިޓްސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް ވެސް ލޮލުގެ މައްސަލަތައް ކުރިމަތިވީ ޖަލަށްލި ފަހުން ކަމަށެވެ.

އެކަމާ ގުޅިގެން ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމުގެ ފުރުސަތު ކާނަލް ނާޒިމަށް ދިން އިރު، ޖަލުގައި ކާނާ ވިހަވަގެން ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމުގެ ފުރުސަތު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ދިން ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

އެފަދަ ކަންކަމަކީ ޖަލުގައި ގައިދީންނާ މެދު އަމަލުކުރާ ގޮތުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ގަބޫލުކުރެވޭތީ އަދީބަށް ދެމުންދާ ކާނާ އާއި ބޯފެނާއި ބޭސްތަކުގެ މައުލޫމާތު ސާފުކުރުމަށާއި އަދި އަދީބު ޖަލުގައި އޮންނަ މާހައުލު ބަލައިލުމަށް އެ ކޮމިޝަނުން ޖަލަށް ދިޔުމަށް އެދޭ ކަމަށް އެ ސިޓީގައިވެ އެވެ.

އަދީބުގެ ސިއްހީ ކަންތައްތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަމަލުވަމުންދާ ކަމަށް ތުހުމަތުކޮށް އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވެސް ވަނީ މީގެ ކުރިން އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން "ސަން" އަށް ވިދާޅުވީ އަދީބަށް ސިއްހީ މައްސަލަތަކެއް މެދުވެރިވީ ޖަލުގައި ހުންނެވުމުގެ ސަބަބުން ކަމަށް އެ ސާވިސް އިން ގަބޫލުނުކުރާ ކަމަށެވެ. އަދި ޖަލުގައި ތިބި އެހެން ގައިދީންނަށް އެފަދަ ސިއްހީ މައްސަލަތަކެއް ދިމާވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.