14 Jun 2017, 14:00
މަސްތުވާތަކެތި ގެންގުޅުނު މީހަކު 50،000 ރުފިޔާ އިން ޖޫރިމަނާކޮށް 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލާގައި ހުކުމް ކޮށްފައި ވަނީ ގދ. ފަރެސްމާތޮޑާ ޗަނބޭލީގެ އަފްސާން އަފީފްެ މައްޗަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެންނެވެ.
މ. ނެއްލައިދޫ ގޭގެތެރޭގައި އަފްސާން ހުއްޓައި އެގޭގެ ވެރިފަރާތުގެ ހުއްދައާ އެކު ފުލުހުން އެގެއަށް ވަދެ ޗެކްކުރިއިރު، އޭނާގެ ޖީންސްގެ ޖީބުން މަސްތުވާތަކެތި އަޅާފައިހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.
އެ ޖޫސްޕެޓީ ކޮތަޅުގައި ހުރި ތަކެތި ތަހުލީލުކުރިއިރު، 5.34 ގްރާމް އެލްޕްރޮޒޯލަމް ހުރި ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް އެ ހުކުމްގައިވެއެވެ.
ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފައެވެ.