14 Jun 2017, 14:07
އެންމެ ބޭނުުންވާ ވަރަށް ނުކުޅެވުނު ނަމަވެސް ރާއްޖެއަށް ލިބުނީ ހައްގު ތިން ޕޮއިންޓް ކަމަށާއި އެކަމާ ހިތްހަމަ ޖެހޭ ކަމަށް ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އިއްޔެ ބޫޓާން އަތުން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗް ބުނީ މިއީ އޭނާ ހިތްހަމަޖެހޭ ނަތީޖާއެއް ކަމަށާއި އެ ނަތީޖާގެ ސަބަބަުން ކުރިއަށް ދިޔުމަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށެވެ.
ކޯޗު އިތުރަށް ބުނީ ބައިކޮޅަށް ގޯލެއް ނުވަދެ މެޗު ނިންމާލެވުމަކީ ވެސް ލިބުނު ކާމިޔާބީއެއް ކަމަށާއި އުންމީދަކީ މިހާރަށް ވުރެ ވެސް ޓީމު ވަރުގަދަވެ ކުރިއަށް ހުރި މެޗުތަކުން ވެސް ރަނގަޅު ނަތީޖާތަކެއް ހޯދުން ކަމަށެވެ.
ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ރާއްޖެ އިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ކާމިިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަލީ ފާސިރު(ސެންޓޭ) އެވެ. ދެވަނަ ލަނޑު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އަހްމަދު އަބްދުﷲ(ލިލީ) އެވެ.
ރާއްޖެ ހިމެނޭ ގުރޫޕަށް ބަލާއިރު މިވަގުތު ގުރޫޕްގެ އެއްވަނާގައި އޮތީ ރޭ އޮމާން އަތުން މޮޅުވި ފަލަސްތީނެވެ. އެޓީމު ވަނީ މީގެ ކުރިން ރާއްޖެ އަތުން ވެސް މޮޅުވެފަ އެވެ. ޖުމުލަ ހަ ޕޮއިންޓާ އެކު ފަލަސްތީން އެއްވަނާގައި އޮތް އިރު ރާއްޖެ އާއި އޮމާނަށް ވަނީ ތިން ޕޮއިންޓްލިބިފަ އެވެ. ނަމަވެސް ތާވަލްގެ ދެވަނަ މަގާމް އޮމާނަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ.