ރެއާލް މެޑްރިޑްގެ ސުޕަރސްޓާ ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް، 14.7 މިލިއަން ޔޫރޯގެ ޓެކުހަށް މަކަރު ހެދި މައްސަލައެއް ސްޕެއިންގެ ޓެކްސް އޮތޯރިޓީން ފެންމަތިކޮށް، އެމައްސަލަ ބަލަމުން ދަނިކޮށް އެފަދަ ކަމެއް އޭނާ ކޮށްފައި ނުވާނެ ކަަމަށް ރޮނާލްޑޯ ބުނެފިއެވެ.

އިނގިރޭސިވިލާތުގެ މިރާރ ނޫހުން ބުނިގޮތުގައި، ޓެކުހަށް މަކަރު ހަދައި އޮޅުވާލުމުގެ މައްސަލައެއް، ރޮނާލްޑޯއާ ދެކޮޅަށް މެޑްރިޑްގައި ހުންނަ ސްޕެއިންގެ ޕްރޮސިކިއުޓަރ އޮފީހުން ވަނީ ހުށަހަޅައިފައެވެ.

ސްޕެއިންގެ ޕްރޮސިކިއުޓަރ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، ރޮނާލްޑޯގެ އިމޭޖް ރައިޓްސްއަށް ލިބޭ އާމްދަނީ ސްޕެއިންގައި ވަންހަނާކުރުމުގެ ގޮތުން 2010 ވަނަ އަހަރު އޭނާ ވިޔަފާރިތަކެއް އުފައްދާފައިވާ ކަމަށެވެ. އެގޮތުން ރޮނާލްޑޯގެ މައްޗަށް ކޮށްފައިވާ ދައުވާ ބިނާކޮށްފައި ވަނީ، ސްޕެއިންގެ ޓެކްސް އޭޖެންސީ އޭއީއޭޓީ އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށްފައި ކަމަށްވެސް ޕްރޮސިކިއުޓަރ އޮފީހުން ބުނެއެވެ.

މި މައްސލައާ ގުޅޭގޮތުން ރޮނާލްޑޯ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ކުންފުނި ޓްރޮލިންއަކީ މަކަރުހަދަން އުފެއްދި ކުންފުންޏެއް ނޫންކަމަށާއި އެއްވެސް ކުންފުންޏެއް މެދުވެރިކޮށް އެފަދަ ކަމެއް ނުކުރާނެކަމަށެވެ. އަދި ޓްރޮލިން އަކީ ވަރަށް ކުރިންސުރެވެސް އޭނާގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ.

ރޮނާލްޑޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭނާ ދުވަހަކުވެސް ޓެކްސްއަށް މަކަރު ނުހަދާ ކަމަށާއި އަދާ ޖެހެންދެންވެސް ބަރާބަރަށް ޓެކްސް ދައްކަމުންދާ ކަމަށެވެ. އަދި ބަޔަކު އޭނާއާ ދެކޮޅަށް ސާބިތު ނުހިފޭ މައްސަލައެއް ހުށަހަޅާފައިވާތީ އެކަމާވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރެއާލް މެޑްރިޑުން ޔުވެންޓަސް ބަލިކޮށް މިސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރުގައާއި އަދި ރެއާލަށް މިސީޒަންގެ ލަ ލީގާ ކާމިޔާބުކޮށްދިނުމުގައި ރޮނާލްޑޯ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ރޮނާލްޑޯގެ މައްޗަށް މިއިން ތުހުމަތެއް ސާބިތުކުރެވިއްޖެ ނަމަ، އޭނާއާ އެންމެ ވާދަވެރި، އަދި ބާސާގެ ސުޕަރސްޓާ ލިއޮނަލް މެސީއަށް ޖެހުނުފަދަ ދަތި ދުވަސްތަކެއް ކުރިމަތިވުމަކީ ދުރުކަމެއް ނޫނެވެ.

އާޖެންޓީނާގެ ތަރި މެސީގެ މައްޗަށް 2016 ވަނަ އަހަރު ވަނީ، ކޮށްފައެވެ.

މެސީއާއި އޭނާގެ ބައްޕަގެ މައްޗަށް ވަނީ، ޓެކުހައް މަކަރު ހެދުމަށްޓަކައި، މެސީގެ އިމޭޖް ރައިޓްސް ބޭނުންކޮށްގެން، ވުޖޫދުވެފައި ނުވާ، ޚިޔާލީ ކުންފުނިތަކެއް ހަދައިގެން މުއާމަލާތްތަކެއް ކޮށްފައިވާކަން ސާބިތުވެއެވެ.

ޓެކްސް ދެއްކުމުގައި 2007އިން 2009 ވަނަ އަހަރާ ދެމެދު 4.1 މިލިއަން ޔޫރޯ އަށް މަކަރު ހެދިކަން ވެސް މެސީގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

ސްޕެއިންގެ ޝަރުއީ ނިޒާމް ހަމަޖެހިފައި އޮންނަ ގޮތުން، ޖޫރިމަނާފައިސާ ދައްކައި، އަދި އެނޫންވެސް ބައެއް ކަންކަން ފުރިހަމަކުރުމުން ޕްރޮބޭޝަން މުއްދަތެއް ކަނޑައަޅައި އެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކޮށްފިނަމަ ޖަލަށް ނުގޮސް ސަލާމަތް ވެވެއެވެ. އެގޮތުން އެ މައްސަލައިގައި އެންމެ ދުވަހަކުވެސް މެސީ ޖަލުގައި ހޭދަކޮށްފައެއް ނުވެއެވެ.