14 Jul 2011, 17:25
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގެކޮޅު، މއ. ކިނބިގަސްދޮށުގެ ނެގުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާ ހިލާފް ނިންމުމެއް ކަމަށް ބުނެ، ހިއުމަން ރައިޓްސް ކޮމިޝަން )އެޗްއާރްސީއެމް( އިން އެކަން ކުށްވެރިކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނަނީ، ކުރީގެ ރައީސް މައުމޫންގެ ގެކޮޅު ނެގުމުގެ ނިންމުމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާ އަދި އަސާސީ ހައްގުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އެކޮމިޝަނުން ދެކޭ ކަމަށެވެ. ގާނޫނު އަސާސީގެ 40 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށް މުދަ ހޯދުމާއި މިލްކުކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ކަމަށާއި އަދި އާއްމުވެގެންވާ މަންފާއަކަށްޓަކައި ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެ މަތިން އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެދުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ނުރުހުމުގައި ދައުލަތަށް ނަގައިނުވާނެ ކަމަށް އެކޮމިޝަނުން ބުނެފައިވެ އެވެ.
އަދި މީހެއްގެ މުދަލެއް ނަގަންވާނީ އަދުލުވެރި ބަދަލެއް އެމުދަލެއްގެ ވެރިފަރާތަށް ދީފައި ކަމަށް ބުނެފައިވާއިރު، މާލެ ސިޓީ ކައުންސިލުން އެ ނިންމުން ނިންމާފައިވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާ ހިލާފަށް ކަމަށާއި އެކޮމިޝަނުން އެއަމަލު ކުށްވެރިކުރާ ކަމަށެވެ.
"އަދި މިއީ މިކަމުގެ ސަބަބުން މިފަދަ ގޮތަކަށް ރައްޔިތުންގެ މުދާ ކޮންމެ ހިނދެއްގައިވެސް ދައުލަތަކަށް ނެގިދާނެކަމާމެދު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، އަމިއްލަ މުދަލުގެ ރައްކާތެރިކަމާމެދު އޮންނަ ޔަގީންނަން ގެއްލިގެންދާނެ ކަމެކެވެ. ވީމާ، ރައްޔިތުންނަށް ގާނޫނީ ގޮތުން ލިބިދީފައިވާ އެންމެހާ ހައްގުތަކަށް އިހުތިރާމްކޮށް، ރައްކާތެރިކޮށް، ފޯރުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލްގެ މައްޗަށް އޮތް ވާޖިބު ފުރިހަމައަށް އަދާކުރުމަށް މިކޮމިޝަނުން ގޮވާލަމަވެ." އެބަޔާނުގައި ބުނެފައިވެ އެވެ.
އެޗްއާރްސީއެމުން ބަޔާން ނެރުނުތާ މާ ގިނައިރުތަކެއް ނުވަނީސް، ސިޓީ ކައުންސިލުން ވަނީ އިއްޔެ ފާސްކުރި ކިނބިގަސްދޮށުގެ ނެގުމުގެ ގަރާރު ބާތިލުކޮށްފަ އެވެ. އިއްޔެ ރައްޔިތުންގެ މަޖިލިސް ކައިރިއަށް ޝުއޫރު ފާޅުކުރުމަށް އެއްވެ ތިބި މީހުންގެ ތެރޭ، މަގުމަތީގައި ބޭއްވި ބައްދަލުވުމުގައި ފާސްކުރި އެ ގަރާރު 24 ގަޑިއިރުނުވަނީސް ބާތިލުކޮށްފައި މިވަނީ، އެ ނިންމުމަށް ވަރަށް ގިނަ ފަރާތްތަކުން ފާޑުކިޔަމުންދަނިކޮށެވެ. އަދި ކިނބިގަސްދޮށުގެ ގޯއްޗަކީ ބަންޑާރަ ގޯއްޗެއް ނޫންކަމާއި އެއީ މައުމޫންގެ އަމިއްލަފުޅު ގޯއްޗެއް ކަމަށް އެމަނިކުފާނުގެ އާއިލާއިން މިއަދު ބުނި ފަހުންނެވެ.