14 Jun 2017, 13:59
ތެލުން ނަގާ ޑިއުޓީ ފަސް ޕަސެންޓް ކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.
ތެލުން ނަގާ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކުރަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.
އެ އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން 73 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެ އިސްލާހުގައިވާ ގޮތުން ތެލުގެ ބާވަތްތަކުން ދެން ނަގާނީ ފަސް ޕަސެންޓް ޑިއުޓީ އެވެ.
ދެހާސް އެގާރަވަނަ އަހަރު ނޮވެމްބަރު މަހު މަޖިލީހުން ވަނީ ބިމުން ނަގާ ހަކަތައިގެ ބާވަތްތަކާއި ތެލާއި، ތާރު އަދި އުށް ފަދަ ތަކެތިން ސުން ޕަސެންޓް ނަގަން ފާސްކޮށްފަ އެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެ ތަކެތީން 10 ޕަސެންޓް ޑިއުޓީ ނަގަން ފާސްކޮށްފަ އެވެ.
އެމްޑީޕީގެ މެމްބަރުން ވަނީ ތެލުން ނަގާ ޑިއުޓީ ސުން ޕަސެންޓަށް ހެދުމަށް އިސްލާހު ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އެ އިސްލާހަށް ވޯޓަށް އެހުމުން 42 މެމްބަރުން ވަނީ ނޫނެކޭ ބުނެ އެ އިސްލާހު ބޭރުކޮށްލައިފަ އެވެ. އެހެން ކަމާ އެކު ނިންމީ ތެލުން ނަގާ ޑިއުޓީ ފަސް ޕަސަންޓަށް ކުޑަ ކުރުމަށެވެ.