ލަންޑަން (ޖޫން 14): އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުރި މީހުން ދިރިއުޅޭ 24 ފަންގިފިލާގެ އިމާރާތެއްގައި ރޯވެ އަނދަމުން އެބަދެ އެވެ.

ލެންކެސްޓާ ވެސްޓް އެސްޓޭޓުގައި ހުންނަ ގްރެންފެލް ޓަވަރުގައި ރޯވިކަން ރިޕޯޓު ކުރީ ލަންޑަނު ގަޑިން 00:54ގަ އެވެ. އަދި ޓަވަރުގެ އެއްވަނަ ފަންގިފިލާއިން ފެށިގެން އެންމެ މަތީ ފަންގިފިލާއަށް އަލިފާން ރޯވެފައިވާ އިރު، އަލިފާން ނިއްވާލުމަށް 200 ފަޔާފައިޓަރުންނާއި، 40 ފަޔާ އިންޖީން ހަރަކާތްތެރިވަމުން އެބަދެ އެވެ.

ލަންޑަން އެމްބިއުލާންސް ސާވިސަސް އިން ބުނި ގޮތުގައި އަލިފާން ރޯވި ސަރަހައްދުގައި 20 އެމްބިއުލާންސް ހަރަކާތްތެރިވަމުންދާ އިރު އެ ހާދިސާގައި އަނިޔާވި 30 މީހަކު ވަނީ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފަ އެވެ.

ލަންޑަނުގެ ގްރެންފެލް ޓަވަރުގައި ރޯވެފައިވާ މަންޒަރު ދުރުން ފެނިގެންދޭ -- ފޮޓޯ: ރޮއިޓާސް

އާރުޓީގައިވާ ގޮތުން އަލިފާންގަނޑު ފެށުނު ކަމަށް ބެލެވެނީ ހަތަރު ވަނަ ފަންގިފިލާއިންނެވެ. އަދި އެއިމާރާތުގެ ސަލާމަތީ ކަންތައްތައް ރަނގަޅު ނޫން ކަމަށް ބުނެ އިމާރާތުގައި ދިރިއުޅޭ މީހުން ވަނީ މީގެ ކުރިން ޝަކުވާކޮށްފައި ކަމަށް އެނޫހުގައިވެ އެވެ.

މީގެ އިތުރުން، އެއިމާރާތުގައި ދިރިއުޅޭ ގިނަ މީހުންނަކީ މުސްލިމުން ކަމަށް ވެސް އާރުޓީގައިވެ އެވެ. އަދި ލަންޑަނުގެ ފުލުހުން ވަނީ އެއިމާރާތުގައި ގިނަ އަދަދެއްގެ މީހުން ތާށިވެފައި ތިބި ކަމަށާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފަ އެވެ.