ބޮލީވުޑުގެ ބަތަލާ އަދި މޮޑެލް ކްރިތިކާ ޗައުދަރީގެ މަރަކީ ގުދުރަތީ މަރެއް ނޫން ކަމަށް އޮޓޮޕްސީ ރިޕޯޓުން ހާމަވެއްޖެ އެވެ. އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.

ކްރިތިކާގެ މަރުވެ، ކުނިވެފައިވާ ހަށިގަނޑު އިއްޔެ ފެނިފައި ވަނީ އަނދޭރީގައި ހުންނަ އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ. ކްރިތިކާގެ ހަށިގަނޑު ފެނުނީ އޭނާގެ އެޕާޓްމެންޓުން ކުނި ވަސް ދުވާތީ ފުލުހުންނަށް ގުޅުމުން، ފުލުހުން ގޮސް އެޕާޓްމެންޓުގެ ދޮރު ހަލާކުކޮށްގެން ވަނުމުންނެވެ.

އޭނާ މަރުވެފައި އޮންނަތާ ހަތަރު ވަރަކަށް ދުވަސް ވެފައިވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ވަނީ ފުރަތަމަ ވެސް، ކްރިތިކާ ގަސްދުގައި މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފަ އެވެ. އެއީ އޭނާގެ އެޕާޓްމެންޓް ބޭރުން ތަޅުލާފައި ވުމާއި، ހަށިގަނޑުން ނިޝާންތަކެއް ފެންނަން ހުރުމުންނެވެ.

އޮޓޮޕްސީ ރިޕޯޓުން ވަނީ 27 އަހަރުގެ ކްރިތިކާ ގަސްދުގައި މަރާލާފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ. އަދި ފުލުހުން މިހާރު ވަނީ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށް، މަރުގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަން ފަށައިފަ އެވެ.

އޮޓޮޕްސީ ރިޕޯޓުން ދައްކާ ގޮތުން، ކްރިތިކާ އަށް އެއްވެސް ކަހަލަ ޖިންސީ ގޯނާއެއް ކޮށްފައެއް ނުވެ އެވެ. ކްރިތިކާ މަރާލާފައި ވަނީ 'ނަކްލް ޑަސްޓާ'އެއް ބޭނުން ކޮށްގެންނެވެ. އެ 'ނަކްލް ޑަސްޓާ' ގޭތެރެއިން ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ހަރީދްވަރު ކިޔާ އަވަށަކަށް އުފަން ކްރިތިކާ ފެނިގެންގޮސްފައި ވަނީ 'ޕަރީޗޭ' ކިޔާ ސިލްސިލާއަކުންނާއި ކަންގަނާ ރަނައުތު ލީޑް ރޯލުން ފެނިގެންދާ 'ރައްޖޯ'އިންނެވެ.