ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަމިއްލަ ގެކޮޅު، މއ. ކިނބިގަސްދޮށުގެ ދައުލަތަށް ނެގުމަށް އިއްޔެ މާލެ ސިޓީ ކައުންސިލުން ފާސްކުރި ގަރާރު މިއަދު ބާތިލުކޮށްފި އެވެ.

އެ ގަރާރު ބާތިލުކުރުމުގެ މައްސަލަ މިއަދު ބޭއްވި ބައްދަލުވުމުގައި ފާހަގަކުރެއްވީ ރިޔާސަތު ބެލެހެއްޓެވި ޑެޕިއުޓީ މޭޔަރު އަހްމަދު ސަމާހް ރަޝީދެވެ. އޭނާ ވިދާޅުވީ، އެ ގަރާރު ބާތިލުކުރުމާ ގުޅޭ ގޮތުން އެކި ހުށަހެޅުންތައް ކައުންސިލަރުން ހުށަހެޅުއްވި ކަމަށާއި އެ ގަރާރު ބާތިިލުކުރީ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު އަބުދުލްކަރީމް )ރުކުމާ( ހުށެހެޅުއްވި ގޮތަށް ކަމަށެވެ.

ގަރާރު ބާތިލުކުރުމަށް ފެންނަ ކަމަށާއި އަދި ނުފެންނަ ކަމަށް ވެސް ހަތަރު މެމްބަރުން ވޯޓުދެއްވުމުން، ވޯޓު އެއްވަރުވެފައި ވަނިކޮށް އެންމެފަހުން އެ ގަރާރު ބާތިލުކުރަން ފާސްވީ، ރިޔާސަތުގައި އިންނެވި ސަމާހު އެގޮތަށް ވޯޓު ދެއްވައިގެންނެވެ.

މި ބައްދަލުވުމުގައި މޭޔަރުކަމުން އިސްތިއުފާދެއްވި ސަރަނގު އާދަމް މަނިކާއި ލުފްޝާން ޝަކީބް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

އިއްޔެ އެ ގަރާރު ފާސްކުރުމަށް ވޯޓު ދެއްވި ސަމާހުގެ ވޯޓުން މިއަދު އެ ގަރާރު ބާތިލުކޮށްލީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ، ކިނބިގަސްދޮށުގެ ނެގުމުގެ ނިންމުމަކީ އެމްޑީޕީގެ ނިންމުމެއް ނޫންކަން މިހާރު އެނގިވަޑައިގެންފައިވާ ކަމަށާއި އަދި އެކަމާމެދު ރައީސް މުހައްމަދު ނަޝީދުވެސް ހިތްމަޖެހިވަޑައިނުގަންނަވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑު އޭރު ހީކުރީ މިއީ ވަކި ގޮތަކަށް ނިމިގެން އައި އެއްޗެއް ކަމަށް. އަޅުގަނޑަށްވެސް ސިހުން ލިބިގެންދިޔަ ކުއްލިޔަކަށް އެ]ކިނބިގަސްދޮށުގެ ނެގުމުގެ ގަރާރު[ ހުށަހަޅާލީމަ. އެހެންނަމަވެސް، ފަހުން އަޅުގަނޑަށް މައުލޫމާތު ލިބުން ގޮތުގައި މިއީ އެވަގުތުން ވަގުތަށް އައި އެއްޗެއް ކަމަށްވަނީ. ދެން އެހެން ވެފައި އޮއްވައި، މިއަދު އަޅުގަނޑުމެންނާ ރައީސާ ވެސް ދިމާވި ކުޑަވަގުތުކޮޅަކަށް. ދެން ރައީސްގެ ފަރާތުން، ރައީސް ވެސް އެހާ ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމެއް ކަމަށް ވެސް އަޅުގަނޑަށް ފާހަގަކުރެވުނީ. އަދި މިއީ ޕާޓީގެ ނިންމުމަކަށް ނުވާތީ، އަދި ވަރަށް ގިނަ މީސްމީހުންނާ މަޝްވަރާކުރުމަށްފަހު އަޅުގަނޑު މިގޮތަށް ނިންމައިގެން ހުރީ،" ސަމާހު ވިދާޅުވި އެވެ.

ިއިއްޔެ ރައްޔިތުންގެ މަޖިލިސް ކައިރިއަށް ޝުއޫރު ފާޅުކުރުމަށް އެއްވެ ތިބި މީހުންގެ ތެރޭ، މަގުމަތީގައި ބޭއްވި ބައްދަލުވުމުގައި ފާސްކުރި ކިނބިގަސްދޮށުގެ ނެގުމުގެ ގަރާރު 24 ގަޑިއިރުނުވަނީސް ބާތިލުކޮށްފައި މިވަނީ، އެ ނިންމުމަށް ވަރަށް ގިނަ ފަރާތްތަކުން ފާޑުކިޔަމުންދަނިކޮށެވެ. އަދި ކިނބިގަސްދޮށުގެ ގޯއްޗަކީ ބަންޑާރަ ގޯއްޗެއް ނޫންކަމާއި އެއީ މައުމޫންގެ އަމިއްލަފުޅު ގޯއްޗެއް ކަމަށް އެމަނިކުފާނުގެ އާއިލާއިން މިއަދު ބުނެފައިވަނިކޮށެވެ.