16 Jun 2017, 10:24
"ދެ މީހުން ވެސް ނުކުރަން. ކޮންމެ ކުލައެއް ލިބުނަސް މެރީ ކުރާނަން. ބަޑީ ލޯބި ދޯ މުހިއްމީ. މިހާރު ބޭބީ ބަނޑުގައި އޮންނަ އިރު ވެސް ޓެސްޓް ކުރެވޭ ވިއްޔަ. ކޮންކަމަކާ ހާސްވާންވީ،" މިއީ ކައިވެންޏެއް ކުރަން އުޅޭ ގާތް ރަހްމަތްތެރިއެއް ކައިރީގައި ތެލަސީމިއާ އަށް ޓެސްޓު ކޮށްފިންތޯ އަހާލުމުން ދިން ޖަވާބެވެ.
ލޯބިވާ ދެ މީހަކު ކައިވެނި ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ތެލަސީމިއާ ދެ ކެރިއަރުންކަން އެނގިތިބެ ކައިވެނިކުރުމަކީ ހެދޭ ގޯހެކެވެ. ލޯބީގެ ވަގުތީ އުފަލަކަށްޓަކާ ކައިވެނިކޮށް، ކުއްޖެއް ހޯދާނަމަ އެ ކުއްޖާއަށް އެދެވެނީ ތަހައްމަލު ނުކުރެވޭ ވަރުގެ ވޭނެކެވެ. މަގުފަހި އެ ކުރެވެނީ ބަލިކަށި މުޖުތަމައު އަކަށެވެ.
ތެލަސީމިއާ ކެރިއަރުން އެންމެ ގިނައީ ރާއްޖޭގައި
މައިންބަފައިންގެ ކިބައިން ދަރިންނަށް ވާރުތުވާ ބަލިތަކުގެ ތެރެއިން ތެލެސީމިއާ ބައްޔަކީ ލޭގައި ހުންނަންޖެހޭ މާއްދާއެއް ކަމަށްވާ، ހީމަގުލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުން ނުވަތަ އެ މާއްދާ ލޭ ގައި މަދުވުމުގެ ސަބަބުން ކުއްޖާގެ ގައިގާ ލޭ އުފައްދަންޖެހޭ މިންވަރަށް ލޭ ނުއުފެއްދުމުން ކުއްޖާއަށް ދިމާވާ ސިއްހީ ހާލަތެކެވެ.
މޯލްޑިވްސް ބްލަޑް ސެންޓަރު (އެމްބީއެސް)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ރާއްޖޭގައި މިދިޔަ އަހަރުގެ ނިޔަލަށް ތެލަސީމިއާ ގޮތުގައި 850 ޕޭޝަންޓުން ރަޖިސްޓްރީ ކޮށްފައިވެ އެވެ. އޭގެ ތެރެއިން ދުނިޔޭގައި މިވަގުތު ތިބީ 622 ޕޭޝަންޓުންނެވެ. އަދި އެމްބީއެސްގެ ތެލަސީމިއާގެ ދަފްތަރުގައި މިދިޔަ އަހަރު އިތުރު 14 ޕޭޝަންޓަކު އަލަށް ރަޖިސްޓްރީ ކޮށްފައިވެއެވެ.
މޯލްޑިވްސް ތެލަސީމިއާ ސެންޓަރުގައި ތެލަސީމިއާ ކުދިންތަކެއް ލޭ އަޅަނީ: މިދިޔަ އަހަރުގެ ނިޔަލަށް ތެލަސީމިއާ ކުދިންގެ ގޮތުގައި 850 ޕޭޝަންޓުން ރަޖިސްޓްރީ ކޮށްފައިވޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދެ ކެރިއަރުން ކައިވެނި ކުރުމުން ވަނީ ކިހިނެތް؟
ރާއްޖޭގައި ތެލަސީމިއާ ވާރުތަކުރާ ފަސް ވައްތަރެއް އުޅެއެވެ. އެއީ:
ބީޓާ ތެލަސީމިއާ ކެރިއަރ (ފިޔާތޮށި ކާޑު)
- އަލްފާ ތެލަސީމިއާ - އަލްފާ ޕްލަސް އަދި އަލްފާ ޒީރޯ (ރީނދޫ ކާޑު)
- އެޗްބީ އީ ކެރިއަރ (ފެހި ކާޑު)
- އެޗްބީ ޑީ ކެރިއަރ (ދަނބު ކާޑު)
- އެޗްބީ އެސް ކެރިއަރ - ސިކަލް ސެލް ކެރިއަރ (ނޫ ކާޑު)

ރާއްޖެއިން ފެންނަ ތެލަސީމިއާ ވާރުތަކުރާ ފަސް ވައްތަރާއި ތެލަސީމިއާ ވާރުތަނުކުރާ ހުދު ކާޑު ފެންނަ ފޮޓޯއެއް ---
ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އާބާދީގައި އެންމެ ގިނައީ ތެލަސީމިއާ ވާރުތަ ނުކުރާ މީހުން ނުވަތަ ހުނދު ކާޑު ލިބޭ މީހންނެވެ. އެމީހުންގެ ޕަސެންޓަކީ ގާތްގަނޑަކަށް 67.8 ޕަސެންޓެވެ. އަދި އާބާދީގެ 16.2 ޕަސެންޓަކީ ބީޓާ ތެލަސީމިއާ ކެރިއަރުން ނުވަތަ ފިޔާތޮށި ކާޑު އޮތް މީހުންނެވެ.
ތިރީގައި އެވާ ޗާޓަކީ ތެލަސީމިއާއަށް ވާރުތަކުރާ ކެރިއަރުންގެ ތެރެއިން ތެލަސީމިއާ ކުއްޖަކު ލިބުމުގެ ފުރުސަތު ދައްކައިދޭ ޗާޓެކެވެ. އެ ޗާޓުގައި ރަތް ކުލައިން ފާހަގަ ކޮށްފައި އެވަނީ ތެލަސީމިއާ ކުއްޖަކު ލިބުމުގެ ފުރުސަތު އޮންނަ ދެ ކެރިއަރުންނެވެ. އަދި ކަޅު ކުލައިން އެ ދައްކަނީ ދުނިޔެއަށް އައުމުގެ ކުރިން ބަނޑަށް ދަރިފުޅު މަރުވުމުގެ ފުރުސަތު އޮންނަ ގޮތެވެ.

ތެލަސީމިއާ ވާރުތަކުރާ ކެރިއަރުންގެ ކޮންބިނޭޝަން ޗާޓް ---
މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަދި ތެލަސީމިއާ ސިކަލްސެލްގެ ޕޭޝަންޓެއް ކަމަށްވާ ޝިފްނީޒް ޝާކިރު ވިދާޅުވީ، ދެ ކެރިއަރުން ކައިވެނި ކޮށްގެން ލޭ އަޅާ ކުއްޖަކު ނުލިބިވެސް ހިނގައިދާނެ ކަމަށެވެ. އެއިީ ލިބޭ ނަސީބެކެވެ. ހަމައެގޮތަށް ބަނޑުބޮޑުވާ ކޮންމެ ފަހަރަކު ތެލެސީމިއާ ނުވަތަ ލޭ އަޅާ ކުއްޖަކު ލިބުމަކީ ވެސް ގާތުގައި އޮތް ކަމެއްކަން ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެ ކެރިއަރުން ކައިވެނިކޮށް ތެލަސީމިއާ ކުއްޖަކު ލިބުމަކީ ކުޑަ ފުރުސަތެއް ކަމުގައި ގަބޫލު ކުރި ނަމަވެސް، ބަލިވެ އިންނައިރު ތެލަސީމިއާ ކުއްޖަކު ލިބުމަކީ ވެސް ހަމަ އޮތް ފުރުސަތެއް ކަމަށް އެބަ ގަބޫލު ކުރަންޖެހޭ. ބަނޑުގައި އޮތް ދަރިފުޅު ޓެސްޓު ކުރެވޭނެ ގޮތެއް މި ވަގުތު ރާއްޖޭގައި އަދި ނެތް. ރާއްޖޭން ބޭރުން އެ ޓެސްޓު ހެދެނީ މާބަނޑުވާތާ ވަކި މުއްދަތެއްގައި. ޓެސްޓު ހަދަން ދިއުމަށްޓަކާ ހަރަދުތަކެއް ކުރަންޖެހޭ،" ޝިފްނީޒް ވިދާޅުވިއެވެ.
ރާއްޖޭގައި ގިނައީ ދަރިއަކު ހޯދަން ރާވައިގެން ތިއްބާ ލިބޭ ކުދިންކަން ފާހަގަކުރައްވާ ޝިފްނީޒް ވިދާޅުވީ، ނުވިސްނާ ހުއްޓާ ކުދިން ލިބޭއިރު އެކިއެކި ސަބަބުތަކަށްޓަކާ ހުރެ ޓެސްޓު ހަދަން ޖެހޭ މުއްދަތު ފަހަނައަޅައި ދިޔުމުން ލޭ އަޅާ ކުއްޖެއް ހޯދަން ބޭނުން ނުވާ ދެމަފިރިންނަށް ވެސް ފަހުން މާބޮޑު އިހްތިޔާރެއް ނޯންނަ ކަމަށެވެ.
މައިމީހާގެ ސިއްހަތަށްޓަކާ ބަނޑުގައި އޮތް ދަރިފުޅު ޓާމިނޭޓް ކުރަން ނުވަތަ ދަރި ވައްޓާލުމަށް ޑޮކްޓަރުން ލަފާ ނުދެއްވާއިރު، ދަރިފުޅު ވައްޓާލުމަކީ ގިނަ ބަޔަކު ކުރަން ބޭނުންވާ ކަމެއް ވެސް ނޫން ކަމަށް ވިދާޅުވިއެވެ.
ތެލަސީމިއާ ސެންޓަރުގައި ތެލަސީމިއާ ކުދިންތަކެއް ލޭ އަޅަނީ: ރާއްޖޭގައި އުފަންވާ ކޮންމެ 120 ކުއްޖަކުން އެއް ކުއްޖަކީ ތެލެސީމިއާ ބަލި ހުންނަ ކުއްޖެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ތެލަސީމިއާ ކުދިން ތަހައްމަލު ކުރަމުންދާ ނަފްސާނީ އަދި ޖިސްމާނީ ވޭން، ބެލެނިވެރިންނަށް ވުރެ ވެސް އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެ ކުދިންނަށް. ސުވާލަކީ ބެލެނިވެރިންނަށް އެނގިތިބެމެ އެފަދަ ކުއްޖަކު ހޯދައި އެ ކުއްޖަކަށް އެންމެ ރަނގަޅު ފަރުވާ ދިނުމަށް ނިންމި ކަމުގައި ވިޔަސް އެ ކުއްޖަކު އެ ވޭނާއި ބުރަ ތަހައްމަލު ކުރަން ދޫކޮށްލުމަކީ ދަރިފުޅަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކެނީތޯއޭ،" ތެލަސީމިއާ އަދި ސިކަލް ސެލްއާ ގުޅޭ ގޮޮތުން އާއްމުން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރަމުން އަންނަ ޝިފްނީޒް ވިދާޅުވި އެވެ.
ތެލަސީމިއާ ކުއްޖަކަށް ބޭނުންވާ ފަރުވާއަކީ ދަތި އުދަނގޫ ފަރުވާތަކެކެވެ. އެގޮތުން ބަލިކުއްޖާގެ ގަޔަށް މަދުވެގެން މަހަކު އެއްފަހަރު ލޭ އަޅަންޖެހެއެވެ. އެކަމަށް ބޭނުންވާ ލޭ ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާ ފަހަރު އާދެއެވެ.
ގަވައިދުން ބޭސް ބޭނުން ނުކޮށްފިނަމަ، ހިތުގެ ބައްޔާއި، ހަކުރުބަލި ފަދަ ނުރައްކާތެރި ބަލިތައް ޖެހޭ ގޮތް ވެސް މެދުވެރިވެއެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަމަށް ހާއްސަ ޑަކްޓަރަކަށް ދެއްކުމަކީ އުދަނގޫ ކަމެކެވެ.
ޝީގެ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގައި ކުރެވޭ ކޮންމެ 30 ކައިވެންޏަކުން އެއް ކައިވެންޏަކީ ދެ ކެރިއަރުންގެ ދެމެދު ކުރެވޭ ކައިވެންޏެކެވެ. އަދި އުފަންވާ ކޮންމެ 120 ކުއްޖަކުން އެއް ކުއްޖަކީ ތެލެސީމިއާ ބަލި ހުންނަ ކުއްޖަކަށްވެ އެވެ. އެއީ ގާތްގަނޑަކަށް އެވްރެޖްކޮށް އަހަރަކު 26 ކުދިންނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ތެލެސީމިއާ ބަލީގައި ރާއްޖޭގައި އެވްރެޖްކޮށް އަހަރަކު ހަ ކުދިން މަރުވެއެވެ.
ދީނީ ގޮތުން ދެ ކެރިއަރުންކަން ކައިވެނި ކުރުމަކީ ކޮން ކަހަލަ ކަމެއް؟
ތެލަސީމިއަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްކަން ފާހަގަކުރައްވާ މިއަހަރުގެ މޭ މަހުގެ ތެރޭގައި ދިން ހުކުރު ހުތުބާގައި ވެސް ތެލަސީމިއާ ފަދަ ވިރާސީ ބަލިތަކުން ރައްކާތެރިވުމަށްޓަކާ އެޅޭނެ އެންމެ މުހިއްމު އެއްފިޔަވަޅަކީ ކައިވެނީގެ ކުރިން ޖެނެޓިކް ތަހުލީލެއް ކުރުން ކަމަށް ބުނެފައިވެއެވެ.
އަދި ކައިވެނީގެ ކުރިން ޖެނެޓިކް ތަހުލީލެއް ކުރުމަކީ މުސްތަހައްބުކަމަކަށްވާއިރު، ބައެއް ހާލަތްތަކުގައި އެކަން ވާޖިބުވާ ކަމަށް އިލްމުވެރިން ވިދާޅުވެފައިވެއެވެ.
"އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލައިނުލުމަށް މާތްﷲ ވަނީ އަމުރުކުރައްވާފައެވެ. އެކަލާނގެ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. [އަދި ތިޔަބައިމީހުންގެ ތެރެއިން އަތްތަކުން، ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ!]"
"ކައިވެނީގެ ކުރިން ބަލީން ރައްކާތެރިވެވޭނެ ގޮތް އޮއްވައި، ގަސްދުގައި އެކަމަ އަޅައިނުލައި، ދެ ކެރިއަރުން ކައިވެނިކޮށްގެން، ބަލިކުދީންތަކެއް ހޯދުމީ، އަމިއްލަ އަތުން ހަލާކުގެ ތެރެއަށް ވެއްޓގެންދިއުމެވެ،"ހުކުރު ހުތުބާ
ކެރިއަރުންނަށް އޮތް ނަސޭހަތަކީ މިއީ
ތެލެސީމިއާއަކީ ރާއްޖޭގައި އެންމެ އާއްމު ލޭގެ ބައްޔެވެ. އާބާދީގެ ނިސްބަތުން ތެލެސީމިއާ ކެރިއަރުން އެންމެ ގިނަ އެއް ގައުމަކީ ވެސް ރާއްޖެއެވެ. ރާއްޖޭގެ ތަފާތު ހިސާބުތަކަށް ބަލާލާއިރު ރާއްޖޭގައި ހަ މީހަކުން އެކަކު ކެރިއަރަކަށް ވެގެން ގޮސްދާނެ އެވެ. އެހެންކަމުން ރާއްޖެ އުފެދިފައި އޮންނަ ގޮތުންނައި އާބާދީއަށް ބަލައި ދެ ކެރިއަރުން ގުޅުމުގެ ފުރުސަތު ވަރަށް ވެސް ބޮޑެވެ.
އެކަން ފާހަގަކުރެވި އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން 2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނެއް ވުޖޫދަށް ގެނައެވެ.
އެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގެ ދަށުން ދިވެހި ކޮންމެ ދަރިއަކު އެ ކުއްޖެއްގެ އުމުރުން 18 އަހަރު ވުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކޮށް ނަތީޖާ ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެކުއްޖެއްގެ މައިންބަފައިންގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ.
ނަމަވެސް މި ރާއްޖޭގައި ގާނޫނަށް އަމަލުކުރަނީ މަދު ބައެކެވެ. އެކަމުން ލިބޭ ހިތާމައަކީ ރާއްޖޭގައި ތެލަސީމިއާ ކޮންޓްރޯލް ނުކުރެވި، އެ ބަލީގެ ވޭން އެތައް ކުއްޖަކު ތަހައްމަލު ކުރަމުން ދިއުމެވެ.
ތެލަސީމިއާ ސެންޓަރުގައި ބަޔަކު ލޭ ހަދިޔާ ކުރަނީ: ތެލަސީމިއާ އަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށް މިއަހަރު އިއްވި ހުކުރު ހުތުބާގައި ބުނެފައިވޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރާއްޖޭގައި ތެލަސީމިއާ ކޮންޓްރޯލް ނުވެދާ އެންމެ ބޮޑު ސަބަބެއް ކަމަށް މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)ގެ ކައުންސިލަރު ޝާޒްލީން މޫސާ ވިދާޅުވީ، ތެލަސީމިއާއަށް އެހާ ބޮޑު މުހިއްމު ކަމެއް ނުދެވި، ކައިވެނިކުރަން އޮންނަ ފަހު މަރުހަލާގައި ޓެސްޓު ހެދުމެވެ.
"ސްކޫލް ނިންމާލާފަ ދާއިރު ވަރަށް ގިނަ ކުދިން، ކުދިންނާ ރައްޓެހިވެގެން އުޅެނީ. ތިބެފަ މެރީ ކުރާ ހިސާބުން ޓެސްޓު ކޮށްފަ މި ބަލަނީ. އަންނާނީ ކޯޓަށް ފޯމް ހުށަހަޅާފައި މެރީ ކުރާނެ ތަނަކާ އެއްޗެހި ހަމަޖައްސާފަ. އެގޮތަށް ވަރަށް ގިނަ ފަހަރު ދިމާވެފައި އެބަހުރި. އެންމެ ފަހުވަގުތު ޓެސްޓު ކޮށްފަ ބަލާފަ ޑިޒިޝަން ނަގާކަށް އެމީހުންނަކަށް ނޯންނާނެ ފުރުސަތެއް،" ޝާޒްލީން ވިދާޅުވިއެވެ.
ތެލަސީމިއާ ކޮންޓްރޯލް ކުރުމަށް ކުދިންގެ ބެލެނިވެރިން ވެސް ބާރު އަޅަންޖެހޭކަން ފާހަގަކުރައްވާ ޝާޒްލީން ވިދާޅުވީ، އުމުރުން 12 އަހަރުން ފެށިގެން ތެލަސީމިއާއަށް ރާއްޖޭގައި ޓެސްޓު ކުރެވޭނެ ކަމަށެވެ.
އެހެންކަމުން ރައްޓެހިވުމުގެ ކުރިން އެ ކުއްޖަކީ ކޮންކަހަލަ ކެރިއަރެއްގެ ކުއްޖެއްތޯ އާއި ކެރިއަރެއްނަމަ ކައިވެނިކުރަން އެންމެ ރަނގަޅުވާނީ ކޮން ކަހަލަ ކާޑެއް އޮތް މީހަކާތޯ އެނގުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮންމެ ކުއްޖަކު ވެސް ރައްޓެހިވާއިރު އެބަ ބަލާ ކޮން ފެމެލީއެއްގެ ކުއްޖެއްތޯ، ކިހާ ހިސާބަކަށް ކިޔަވައިގެން ހުރި ކުއްޖެއްތޯ މިކަހަލަ ކަންތައްތަކަށް އެބަ ބަލާ. ޓެސްޓުކޮށް ކެރިއާރ ކާޑެއް ލިބިފަ އޮތިއްޔާ ހާއްސަކޮށް ބަލާނެދޯ ރައްޓެހިވެވެނީ ކެރިއަރ ކާޑެއް ލިބިފައޮތް ކުއްޖެއްތޯ؟،" ކައުންސިލިން ދިނުމުގައި ނުވަ އަހަރު ހޭދަކުރައްވާފައިވާ ޝާޒްލީން ވިދާޅުވިއެވެ.
ތެލަސީމިއާ ސެންޓަރުގައި މީހަކު ލޭ ހަދިޔާ ކުރަނީ: ރާއްޖޭގެ ގާނޫނު ބުނާގޮތުން ދިވެހި ކޮންމެ ދަރިއަކު އެ ކުއްޖެއްގެ އުމުރުން 18 އަހަރު ވުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކޮށް ނަތީޖާ ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެކުއްޖެއްގެ މައިންބަފައިންގެ މައްޗަށް ލާޒިމްކުރާ ކަމެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ވިދާޅުވީ، ތެލަސީމިއާއަށް ޓެސްޓުކޮށް ކެރިއަރ ކާޑެއް ލިބިއްޖެނަމަ ކައުންސިލިން ހޯދަން ކުދިން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ކައުންސިލިން ހޯދަން އަންނަނީ ރައްޓެހިވެގެން އުޅޭ ދެ މީހުންގެ ތެރެއިން ކޮންމެ ވެސް އެކަކު ކަމަށާއި އެކަމުގެ ސަބަބުން ދެ މީހުންގެ ތެރޭގައި ބައެއް ފަހަރު މައްސަލަ ވެސް ޖެހޭ ކަމަށެވެ.
އޭގެ އިތުރުން ފެމިލީ ކޯޓުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން ވެސް ދެ ކެރިއަރުން ކައިވެނިކުރާނަމަ، ކައިވެނިކުރާ ދެމީހުންނަށާއި އެމީހުންގެ އާއިލާއަށް އެމްބީއެސްގެ ފަރާތުން ދަނީ ކައުންސިލިން ފޯރުކޮށްދެމުންނެވެ. އަދި އެކަމުގެ ސަބަބުން މަދުން ނަމަވެސް ކައިވެނި ނުކުރަން ނިންމާފައިވެއެވެ.
އެމްބީއެސްގެ އިތުރުން ތެލަސީމިއާ އަށް ޓެސްޓުކޮށް، ކެރިއަރުންނަށް ކައުންސިލިން ދޭ އަނެއް ފަރާތަކީ ސޮސައިޓީ ފޮ ހެލްތު އެޑިއުކޭޝަން (ޝީ)އެވެ.
ނަމަވެސް ރާއްޖޭގައި ދެ ކެރިއަރުން ކައިވެނިކުރާ އަދަދުގެ ރެކޯޑެއް އަދި ކައުންސިލިން ދިނުމަށްފަހު ވެސް އެހެން ގޮތަކުން ދެ ކެރިއަރުން ކައިވެނިކުރޭތޯ ބެލިފައެއް އަދި ނެތެވެ. އަދި އަތޮޅުތެރޭގެ ކޯޓުތަކުން ކުރާ ކައިވެނިތަކުގައި ވެސް ދެ ކެރިއަރުންކަން ބަލައި، ނަސޭހަތް ދެވިފައި އޮންނަނީ މަދު ފަހަރެއްގައެވެ.
ތެލަސީމިއާ ސެންޓަރުގައި މީހަކު ލޭ ހަދިޔާ ކުރަނީ: ރާއްޖޭގައި ތެލަސީމިއާ ކޮންޓްރޯލް ނުކުރެވެނީ ތެލަސީމިއާއަށް އެހާ ބޮޑު މުހިއްމު ކަމެއް ނުދެވި، ކައިވެނިކުރަން އޮންނަ ފަހު މަރުހަލާގައި ތެލަސީމިއާ އަށް ޓެސްޓު ކުރާތީ ކަމަށް ކަމާގުޅޭ ތަޖުރިބާކާރުން ބުނޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޝާޒްލީން ވިދާޅުވީ، ރާއްޖޭގައި ދެ ކެރިއަރުން ކައިވެނި ކުރުން ހުއްޓުވުމަށް އެކަމަށް ހާއްސަ އުސޫލެއް ހެދުމަށް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ. އެ އުސޫލުގެ ދަށުން އަތޮޅުތެރޭގައި ހުރި ކޯޓުތަކުން ކުރާ ކައިވެނިތައް ވެސް ރަނގަޅު އުސޫލެއްގެ ދަށުން މޮނީޓަރު ކުރެވިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ތެލެސީމިއާ ދެ ކެރިއަރުންކަން އެނގިތިބެ، ކައިވެންޏަށް ހުށަހެޅިގަތުމަކީ ގޯހެކެވެ. ލޯބީގެ ގުޅުން ދަމަހައްޓަން ދަރިފަސްކޮޅު ހަލާކުގެ ތެރެއަށް އެއްލައިލައިގެން ނުވާނެ އެވެ. ލޯބީގެ ގުޅުމަކުން، ޒީލުތަކަށް ދެމިގެންދާ ވޭނެއްގެ ތެރެއަށް ދަރިން ދޫކޮށްލުމަކީ އެ ކުދިންނަށް ދެވޭ އަނިޔާއެކެވެ.