ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީއިން ރާއްޖޭގެ ގައުމީ ކުތުބުޚާނާ އިމާރާތުގައި ހިންގަމުން އައި އެމެރިކަން ސެންޓަރު އެހެން އިމާރާތަކަށް ބަދަލުކޮށްފިއެވެ.

އެމެރިކާގެ އެމްބަސީތަކާއި ކޮންސިއުލޭޓުތަކުން ދަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެމެރިކަން ކޯނަރު އަދި އެމެރިކަން ސެންޓަރުތަކެއް ހިންގަމުންނެވެ. އެގޮތުން، 700 އަށް ވުރެ ގިނަ ތަންތަން ހިންގަމުން ދެއެވެ.

ރާއްޖޭގެ އާ އެމެރިކަން ސެންޓަރު މިހާރު ހުންނާނީ ގަލޮޅު ހަނދުވަރުދޭގޯޅީގައި ހުންނަ، ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން ހުންނަ އިމާރާތުގެ ތިންވަނަ ފަންގިފިލާގައެވެ.

ރާއްޖޭގެ އާ އެމެރިކަން ސެންޓަރު ހުޅުވައިދެއްވީ، އެމެރިކާއިން ރާއްޖެއާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕްއެވެ.

ރާއްޖޭގެ އާ އެމެރިކާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމެރިކާ އެމްބަސީ ކޮލޮމްބޯ

ޒަމާނީ ފަރުމާއަކާ އެކު އާ އެމެރިކަން ސެންޓަރު މިއަދު ހުޅުވި އިރު އެތަނުގައި ކޮމްޕިއުޓަރު ވޯކް ސްޓޭޝަންތަކާއި، އައިޕެޑާއި، ފޮތްފޮތާއި ޑީވީޑީ ބަހައްޓާފައި ހުރެއެވެ. އަދި ރާއްޖޭގައި ޓޮފްލް، އެސްއޭޓީ އަދި ޖީއާރުއީ އިމްތިހާނު ހަދަނީވެސް އެތަނުންނެވެ.

އެމެރިކާ އެމްބަސީން ބުނާ ގޮތުގައި، އެމެރިކަން ސެންޓަރު ހެދުމަށާއި އެތަނުގެ އެކުއިޕްމެންޓަށް އެމެރިކާ ސަރުކާރުން އެއްލައްކައަށް ވުރެ ގިނަ ޑޮލަރު އިންވެސްޓް ކޮށްފައިވާ ކަމަށެވެ.

އާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމެރިކާ ސަފީރު އަތުލް ކެޝަޕް ވިދާޅުވީ، އެ ސެންޓަރަކީ އެމެރިކާ ރައޔްިތުންނާއި ދިވެހިރާއްޖެއާ އޮތް ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.

މި ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީގެ އޮފިޝަލުންނާއި، ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމާއި، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި، ފޮރިން މިނިސްޓްރީއާއި ޔޫތު މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.