ގއ. ވިލނގިލީގައި އަޅަން ކުރިން ހަމަޖެއްސި އެއާޕޯޓު އެއަތޮޅު ކޫއްޑޫގައި އަޅަން ސަރުކާރުން ނިންމާފައިވަނީ އެއްވެސް ކައުންސިލަރަކާ މަޝްވަރާ ނުކޮށް ކަމަށާއި ކޫއްޑޫ އަކީ މުސްތަގުބަލު އޮތް ރަށެއް ނޫން ކަމަށް ޑީއާރުޕީން ބުނެފި އެވެ.

ޑީއާރުޕީ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ޑެޕިއުޓީ ލީޑާ އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ ކޫއްޑޫގެ ބިން ނުހިއްކާ އެއާޕޯޓު ހެދެން އޮތް އެންމެ ބޮޑު ސައިޒަކީ 1200 މީޓަރު ކަމަށާއި އަދި ފަޅުތެރެ އާ ލައިގެން އެއާޕޯޓު ބޮޑު ކުރެވެން އޮތީ 1600 މީޓަރަށް ކަމަށެވެ.

އަންޑޭ ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތަށް ޚާއްސަ ކޮށްފައިވާ އެރަށުގެ ފަޅު އެއަށްވުރެ ބޮޑު ކުރެވެން ނެތް އިރު، 1200 މީޓަރަކީ ރާއްޖޭގައި އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ޑޭޝް ބޯޓުތަކަށް އެކަނި ޖެއްސޭވަރުގެ ސަރަހައްދެއް ކަމަށެވެ. އަދި 1600 މީޓަރަށް ބޮޑު ކުރެވުނު ނަމަވެސް އެ ސައިޒުން ވެސް ޖެއްސޭނީ ޑޯނިއާ ބޯޓު ތަކަށް އެކަނި ކަމަށް އަންޑޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން އެއާޕޯޓު އަޅަން ސަރުކާރުން ނިންމި ވިލިނގިލީގެ ފަޅުތެރެއިން އެންމެ ކުޑަ ވެގެން 5،000 ކިލޯ މީޓަރުގެ ޖާގަ ލިބެން އެބައޮތް ކަމަށެވެ. އަދި ކޫއްޑޫއަކީ 40،000 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކޮށްފައި އޮތް ތަނަކަށް ވެފައި އެރަށަށް އެއާޕޯޓް ބަދަލު ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

އަންޑޭ ވިދާޅުވީ ގއ. އަތޮޅުގެ ރަށްރަށުގެ މީހުންނާ ވާހަކަ ދެއްކުމަށް ފަހު ވިލނގިލީގައި އެއާޕޯޓު އަޅަން ނިންމާފައި ވަނިކޮށް މިދިޔަ ހަފްތާ ތެރޭ އަޑު އިވުނީ ކޫއްޑޫގައި އެއާޕޯޓު އަޅަން ބަޔަކާ ހަވާލު ކުރި ވާހަކަ ކަމަށެވެ. އަދި އެކަން ކޮށްފައި ވާނީ ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބި އެއްވެސް ކައުންސިލަރަކާ މަޝަވަރާ ނުކޮށް ކަމަށާއި ރަށުގެ ނުވަތަ އަތޮޅެއްގެ ތަރައްގީ އަށް ކަމެއް ކުރާނަމަ އެ ފަރާތްތަކާ މަޝްވަރާ ކުރަން ޖެހޭނެ ކަމަށް އަންޑޭ ވިދާޅުވި އެވެ.

"މިދިޔަ ހަފްތާތެރޭ އަޅުގަނޑުމެންނަށް އަޑު އިވިގެން ދިޔައީ ކޫއްޑޫގައި އެއާޕޯޓު އަޅަން ސަރުކާރުން ނިންމާ ބަޔަކާ ހަވާލު ކުރި ވާހަކަ. އެންމެ ބޮޑު ކަންބޮޑުވުމަކީ މިކަމުގައި ކައުންސިލްތަކުގެ ބޭނުން ކޮށްފައިނުވާ ކަން،" އަންޑޭ ވިދާޅުވި އެވެ.

ގއ. ކޫއްޑޫގައި ހަދާ އެއާޕޯޓް ސިންގަޕޫރޫގެ ކުންފުންޏެއް ކަމަށްވާ ބޮނަވެންޗާ މޯލްޑިވްސް އަށް ހަވާލު ކުރިއިރު އެ އަތޮޅު ދިގުރަށް 50 އަހަރަށް ބޮނެވެއްޗާ އަށް ވަނީ އެއާޕޯޓް ހެދުމަށް ކުއްޔަށް ދީފަ އެވެ.