ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރީ ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ކުރި ޓްވީޓަކާ ގުޅިގެން ކަމަށް އޭނާ ބުނެފިއެވެ.

"ސަން" އާ ވާހަކަ ދައްކަމުން ތޮއްޔިބު ބުނީ އިއްޔެގެ ވަގުތެއްގައި އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރީ މިދިޔަމަހުގެ 27 ވަނަ ދުވަހު ޔާމިން ރަޝީދުގެ މަރާ ގުޅޭގޮތުން ކުރި ޓްވީޓަކާ ގުޅިގެން ކަމަށެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވި ފޮރެންސިކް ފުލުހުން ބަންދުކޮށްގެން ގެންގުޅޭ ކަމަށް އެ ޓްވީޓުގައި އޭނާ ވަނީ ބުނެފައެވެ.

ތޮއްޔިބު ބުނީ ހަމަނުޖެހުން އުފެދޭ ކަހަލަ ޓްވީޓް ކުރަނީ ކީއްވެތޯ ފުލުހުން އޭނައާ ސުވާލުކުރި ކަމަށެވެ. އެ ސުވާލުގެ ޖަވާބުގައި އެފަދަ ޓްވީޓެއް ކޮށްފައިނުވާނެ ކަމަށް ބުނެފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ސައުދި އަރަބިއާ އާ ގުޅޭގޮތުން ކުރި ޓްވީޓަކާ ގުޅިގެން މީގެ ތިން މަސް ކުރިން ފުލުހުން އޭނާ ހައްޔަރުކުރިއެވެ. ނަމަވެސް ފަހުން އޭނާ ދޫކޮށްލީ ކޯޓުންނެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.