މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ދޭ "ޓޫރިޒަމް ޕާސަނަލިޓީ އޮފް ދަ އިޔާ" ނުވަތަ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ އަހަރުގެ ޝަޚުސިއްޔަތުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްގެ ދަށުން މިއަހަރު ހަތަރު ހަރަކާތެއް ބާއްވާނެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ހަރަކާތަކީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ، ފާހަގަކޮށްލެވޭ ޚިދުމަތް ކޮށްދީފައިވާ ޝަޚުސިއްޔަތުންގެ އަގު ވަޒަންކުރުމަށް ބާއްވާ "ޕީޕަލްސް އެޑިޝަން"އެވެ.

ސަންޓީވީގެ "ދިހަގަޑި" ޝޯގައި ވާހަކަ ދައްކަވަމުން، މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް މިއަދު ވިދާޅުވީ، މި ހަފްތާ ފެށުމާ އެކު، ޕީޕަލްސް އެޑިޝަންއަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް މީގެ ކުރިން "ސަން"އަށް އިންޓަވިއުއެއް ދެއްވަނީ -- ސަން ފައިލް ފޮޓޯ

"މި އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުން ނޮމިނޭޓު ކުރެވޭނެ. އަމިއްލައަށް ވެސް ނަން ހުށަހެޅޭނެ. ރައްޓެހިންނަށް ވެސް ނުވަތަ އެމްޕްލޯޔަރުގެ ފަރާތުންވެސް ނޮމިނޭޓު ކޮށްދެވޭނެ،" އަސްރާ ވިދާޅުވިއެވެ.

ނަން ހުށަހެޅުމުގެ ފުރުސަތު، ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު އޮންނާނެއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕީޕަލްސް އެޑިޝަންގައި މިއަހަރު 10 ފަރާތެއް ފާހަގަކޮށް އަގުވަޒަން ކުރާ އިރު، އެފަރާތަކީ ކޮންމެހެން ދިވެހީންނަށް ވާން ވެސް ނުޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް ހުޅުވާލައިގެން ބާއްވާ އިވެންޓެއް ކަމަށާއި، މިކަމުގެ މައިގަނޑު ބޭނުމަކީ ދާއިރާގެ ޚިދުމަތްތެރީންގެ ވާހަކަތައް އާންމުންނަށް ގެނެސްދިނުން ކަމަށެވެ.

"ބޮޑަށް ބޭނުންވަނީ އިންޑަސްޓްރީގައި މަސައްކަތް ކުރާ ބޭފުޅުންގެ ސްޓޯރީޒް ގެނެސްދޭން. އިންސްޕަޔަރިންގް ސްޓޯރީޒް ގެނެސްދީ، އެމީހުންގެ ޖަރނީއާއި ކުރިއެރުމާއި އެޗީވްމެންޓްސް ލިބުނީ ކިހިނެއްތޯ ދައްކުވައިދޭން،"

މަޓާޓޯ ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަން އޮންނާނީ އަންނަ ޖުލައި މަހު އޮންނަ ޓްރެވަލް ޓްރޭޑް މޯލްޑިވްސް ޝޯ ނިންމާލުމަށްޓަކައި، ޖުލައި 13 ވަނަ ދުވަހު އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައި ބާއްވާ ގާލާގައެވެ.

މަޓާޓޯއިން ބުނި ގޮތުގައި ޕީޕަލްސް އެޑިޝަން އެވޯޑަކީ މީގެ ކުރިންވެސް މަޓާޓޯއިން ބާއްވަން ބޭނުންވި، ނަމަވެސް އެކި ސަބަބުތަކާ ހެދި ނުކުރެވި އޮތް ކަމެކެވެ. ފުރަތަމަ ފަހަރަށް މިއަހަރު ޕީޕަލްސް އެޑިޝަން އެވޯޑު ދޭ އިރު، އެވޯޑަށް ނަން ހުށަހަޅާ ފަރާތްތައް އިވެލުއޭޓުކޮށް ހަދާނީ މަޓާޓޯގެ އެގްޒެކެޓިވް ބޯޑުން ކަނޑައަޅާ ޕެނަލަކުންނެވެ.

މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އެވެ. މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017

  1. ޕީޕަލް އެޑިޝަން:މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެ މަސައްކަތް ކުރާ އެކިއެކި މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެއް. އެވޯޑު ދޭނީ ޓީޓީއެމް ފެއާގެ ގާލާގައި، ޖުލައި 13 ވަނަ ދުވަހު އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައި. މަޓާޓޯ ޓްރެވަލް އެވޯޑްސް ޕީޕަލް އެޑިޝަން ބާއްވާ މިއީ ފުރަތަމަ އަހަރު.
  2. ގެސްޓްހައުސް އެޑިޝަން:މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގެސްޓްހައުސްތަކުގެ މެދުގައި ދޭ އެވޯޑެއް. މި އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ މިއަހަރު ބާއްވާ ގެސްޓްހައުސެސް މޯލްޑިވްސް ކޮންފަރެންސްގެ ތެރޭގައި. މަޓާޓޯ ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަން ބާއްވާ މިއީ ފުރަތަމަ އަހަރު.
  3. ޓްރެވަލް ކޮންފަރެންސް:މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އިސްވެރިންނާއި އެހެނިހެން ފަރާތްތައް އެކުވެ، ދާއިރާގެ އެކިއެކި މައުޟޫއުތަކާ މެދު މަޝްވަރާކުރާ ބައްދަލުވުމެއް. ޓްރެވަލް ކޮންފަރެންސް އޮންނާނީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ހަފްލާގެ އެއްދުވަސް ކުރިން. މިއަހަރަކީ ޓްރެވަލް ކޮންފަރެންސް ބާއްވާ ދެވަނަ އަހަރު.
  4. ގާލާ ނައިޓް: މިއީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އެންމެ ފަހު އިވެންޓް. މިއީ ޓްރެވަލް އެވޯޑްސް ދޭ ހަފްލާ. މި ހަފްލާ އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި. މިއީ ޓްރެވަލް އެވޯޑްސް ދޭ ހަވަނަ އަހަރު.