13 Jun 2017, 16:20
ރާއްޖޭގެ ސިއްހީ ތަފާތު ހިސާބުތައް ހޯދުމުގައި ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް ނޭޝަނަލް ހެލްތު އެކައުންޓްސް 2014" އިފްތިތާހުކުރުމަށް ރޭ ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސިއްހީ ތަފާރުހިސާބުތައް ހޯދުމަށްޓަކައި މިހާރަވުރެ ފަސޭހަ، އަގުހެޔޮ އަދި އަބަދުވެސް ޑޭޓާތައް ލިބިލިބި ހުންނާނެފަދަ ނިޒާމެއް ވަރަށް ބޯޑަށް ބޭނުންވާ ކަމަށެވެ.
ތަފާސް ހިސާބުތައް އެކުލާވާލުމަށްޓަކައި ބޭނުންވާ ޑޭޓާތައް ހޯދުމުގައި ދިމާވާ ބަޖެޓްގެ މައްސަލައަށް ވެސް މިނިސްޓަރު މުނައްވަރު އަލިއަޅުއަވައިލެއްވިއެވެ. އެގޮތުން އެކަމަށް ކުރަންޖެހޭ ހޭދައިގެ ބޮޑުކަމާއި އަދި އެކަމަށްޓަކައި ޓެކްނޮލޮޖީއަށް އިތުރަށް އިންވެސްޓްކުރަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.
"މިހާރު ޑެޓާތައް ހޯދަންވެގެން ބަޖެޓް ހޯދަންޖެހިއްޖެނަމަ އެއީ ވަރަށް އުނދަގޫކަމެއް. ޚާއްސަކޮށް އެހީދޭ ޖަމްއިއްޔާތަކުން. އެހެންކަމުން އަޅުގަނޑުމެންގެ ބަޖެޓުން އެބަޖެހޭ ވަރަށް ބޮޑު ޚަރަދެއް ކުރަން. އެކަމަކު އަޅުގަނޑު ދެކޭގޮތުގައި ރާއްޖެފަދަ ޓެލެކޮމިޔުނިކޭޝަން ޓެކަނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމެއްގައި އަޅުގަނޑުމެން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑޭޓާތައް ލިބޭނެ ގޮތްތައް ހޯދަންވީ. މިއީ އެކަމަށް އެންމެ ރަނގަޅުވަގުތު،" މިނިސްޓަރު ވިދާޅުވިއެވެ.
ޕްރައިވެޓް ސެކްޓަރާއި އަދި އަމިއްލަ ޖަމްއިއްޔާތަކުން ސިއްހީ ދާއިރާގެ ޑޭޓާތައް ސަރުކާރާ ހިއްސާކުރުމުގައި މިހާރު ގެންގުޅޭ ފަސްޖެހުމުގެ ގޮތްތައް ދޫކޮއްލުމަށް މުނައްވަރު ގޮވާލެއްވިއެވެ.
ެ"އެއީ ޑޭޓާތަކަކީ ސަރުކާރުގެ ހެލްތު ޕޮލިސީތައް އެކުލަވާލުމުގައި ވަރަށް މުހިންމު އެއްޗަކަށް ވެފައި ރަނގަޅު ޑޭޓާތައް ނުލިބޭނަމަ ޕޮލިސީތައްހެދުމުގައި އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެތީ،" މުނައްވަރު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި "މޯލްޑިވްސް ނޭޝަނަލް ހެލްތު އެކައުންޓްސް 2014" އިފްތިތާހުކޮށްދެއްވީ ވެސް މިނިސްޓަރު މުނައްވަރެވެ.
އެ ރަސްމިއްޔާތުގައި ސަރުކާރުގެ އެކި އިދާރާތަކުންނާއި، ކަމާގުޅޭ އަމިއްލަ ފަރާތްތަކުންނާއި، ބައިނަލަގްވާމީ ޖަމްއިއްޔާތަކުންނާއި އަދި އެހީދޭ ފަރާތްތައް ނިސްބަތްވާގޮތަށް 100 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.