14 Jul 2011, 16:41
މުންބާއި : (14 ޖުލައި) މުންބާއިގައި އިއްޔެ ހިންގި ބޮންގޮއްވުމުގެ ހާދިޝާގެ ފަހަތުގައި ވަނީ ކޮންބައެއްކަން އަދި އެނގިފައިނުވާ ކަމަށް އިންޑިޔާގެ ދާހިލީ ވަޒީރު ޕަލަނިޔަޕާން ޗައިދަން ޕަރަމް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މިއީ އިންޑިޔާގެ ޖާސޫސީ ފަރާތްތަކަށް ރޭކާވެސް ނުލާހާ ސިއްރިޔާތުގައި ހިންގި އަމަލެއް ކަމުގަ އެވެ. އިންޑިޔާގެ ޖާސޫސީ ފަރާތްތަކަށް ރޭކާނުލާގޮތަށް މިކަންކުރެވޭނެ އެއްގޮތެއް ކަމަށް ބެލެވެނީ އާދަޔާ ހިލާފު ސިއްރު ރޭވުމެއްގެ ދަށުން މިކަން ކުރުން ކަމަށާއި އަނެއްގޮތަކީ މިހާތަނަށް ފާހަގަ ނުކުރެވޭ ވަރުގެ ކުދި ޖަމާއަތްތަކެއް އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން މިކަންކުރުން ކަމަށް ޗައިދަންޕަރަމް ވިދާޅުވި އެވެ.
މުންބާއިގެ ތިން ތަނެއްގައި އިއްޔެ ހިންގި ބޮންގޮއްވުމުގެ ހަމަލާ ތަކުގައި 18 މީހަކު މަރުވެ 131 މީހުން ވަނީ ޒަހަމްވެފަ އެވެ. މީގެ ތެރެއިން 23 މީހެއްގެ ހާލަތުވަނީ ފުރާނައަށް ނުރައްކާވާ ހިސާބުގައި ކަމަށް މުންބާއިގެ ލޯކަލް މަސްއޫލުވެރިން ވިދާޅުވެ އެވެ. ކުރިން އިންޑިޔާ ސަރުކާރުން ބުނެފައި ވަނީ 20 މީހުން މަރުވި ކަމަށެވެ. ނަމަވެސް ފަހުން ބުނެފައި ވަނީ މަރުވީ 18 މީހުން ކަމުގަ އެވެ.
މި ހާދިޝާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައިނުވާއިރު އިންޑިޔާ ސަރުކާރުން ވެސް މިކަމުގެ ތުހުމަތު އެއްވެސް ފަރާތެއްގެ ބޮލުގައި އަދި އަޅުވާފައެއްނުވެ އެވެ. ނަމަވެސް މިހާދިޝާއާ ޕާކިސްތާނާ ގުޅުވަން އިންޑިޔާ މަސައްކަތް ކޮށްފާނެ ކަމުގެ އިހުސާސް ކުރަމުން ގެންދާނެ ކަމަށް ޕާކިސްތާނުން ބުނެ އެވެ. އެ ހާދިޝާގެ ސަބަބުން އިންޑިޔާއަށް ކުއްލި ސިހުމެއް ލިބިފައިވާ ކަމަށާއި އެ ހަމަލާތަކާ ކުރިމަތިލުމުގައި އިންޑިޔާގެ ސަލާމަތީ ބާރުތަކާއި ޖާސޫސޫ އިދާރާ ފޭލްވެފައިވާތީ އިންޑިޔާގެ އާންމުން ވަރަށް ބޮޑަށް ރުޅިއައިސްފައިވާ ކަމަށް އެގައުމުގެ ނޫސްތައް ބުނެ އެވެ.
2008 ވަނަ އަހަރު މުންބާއިގެ ހޮޓަލަކަށް ދިން ޓެރަރިސްޓް ހަމަލާތަކެއްގައިވެސް 166 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ. އެހަމަލާތަކުގެ ފަހަތުގައި ވަނީ ޕާކިސްތާނާ ގުޅުން ހުރި ލަޝްކަރޭ ތައިބާ ނަމަކަށް ކިޔާ ޖަމާއަތެއް ކަމަށް އިންޑިޔާ ބުނެ އެވެ. (ރޮއިޓާސް)