ސްޓޯމް ވޯޓާ މެނޭޖްމެންޓު ސިސްޓަމް ގާއިމް ކުރުމުގެ ހަތަރުވަނަ ފިޔަވަހީގެ މަސައްކަތް އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އެމްޑަބްލިއުއެސްސީ އާ ހަވާލު ކޮށްފައިވަނީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އެކަމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު މުހައްމަދު މުއިއްޒެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތުގެ ހަތަރުވަނަ ފިޔަވަހީގެ މަސައްކަތަށް 12.9 މިލިއަން ރުފިޔާ ޚަރަދު ކުރެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެ މަސައްކަތް ނިމޭއިރު ފެން ހިންދުމަށް ޖުމްލަ ހަތަރު ޕަމްޕު ސްޓޭޝަނެއް ގާއިމް ކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހަރަތު ވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރި ނަމަވެސް އަދި ތިން ވަނަ ފިޔަވަހީގެ މަސައްކަތް މުޅިން ނުނިމޭ ކަމަށެވެ.

"ތިންވަނަ ފިޔަވަހީގެ މަސައްކަތް އަދި މުޅިން ނުނިމޭ. އެ ފިޔަވަހީގެ މަސައްކަތް ނިމޭ އިިރު، މިހާރަށްވުރެ ފެން ހިނދުން އަވަސް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ތިންވަނަ ފިޔަވަހީގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ޕަންޕު ސްޓޭޝަންތައް ގާއިމް ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޕަންޕު ސްޓޭޝަންތައް ނިމުމުން ތިން ވަނަ ފިޔަވަހީގެ މަސައްކަތްތައް ގިނަވެގެން ދެ މަސް ދުވަހުގެ ތެރޭގައި ނިމޭނެ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މަޝްރޫއުގެ ހުރިހާ ފިޔަވައްސެއް ކުރިއަށް އޮތް ދިހަ މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ކަވަރު ކުރެވޭ ސަރަހައްދުތައް:

  • ބުރުޒުމަގު، ދޮންއަދަރާދަ ހިނގުމުން ފެށިގެން ހިލާލީމަގާ ދެމެދުގައިވާ ސަރަހައްދު

  • އަމީނީމަގު، ކަށިމާހިނގުމުން ފެށިގެން ނިކަގަސް މަގާ ހަމައަށް.
  • ހަވީރީހިނގުން، ހަނދުވަރީ ހިނގުމާއި ކަނބާއައިސާރަނި ހިނގުމާ ގުޅޭ ސަރަހައްދު